30 Aug 2010, 09:02
14:00
ފަހަމާސް ފިހާރައިގެ ސޭލްސް ހިފައިގެން ދިޔަ މީހާ އަށް ރޭ ހަމަލާދިނުމަށް ފަހު ލައްކައެއްހާ ރުފިޔާ ފޭރިގެންފައި ވަނީ އެ ފިހާރައިގެ ވެރިމީހާގެ ގޭގެ ސިޑިގޮޅި ތެރޭގައި މާސްކް އަޅައިގެން ފިލާ ތިބި ބައެއް ކަމަށް ފަހަމާސް އިން ބުނެފި އެވެ.
ފަހަމާސް ގްރޫޕްގެ މެނޭޖާ އަލީ އިބްރާހިމް ސަންއެފްއެމަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ ރޭ 11 ޖަހާކަންހާ އިރު ފިހާރަ ބަންދުކޮށްފައި، ލިބުނު ފައިސާ އާއި ޗެކްތައް ހިފައިގެން އެފިހާރައިގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ފަހަމާސް ގްރޫޕްގެ އޯނަރުގެ ގެ ކަމަށްވާ މ. ސަންބިއުރީ އަށް އެ ފައިސާ ހަވާލުކުރުމަށް ދިޔަ ވަގުތު ކަމަށެވެ. އަދި ދެ މީހުން އެކުގައި އެގޭ ކައިރިއަށް ދިއުމަށް ފަހު ފައިސާ ދަބަސް ހިފައިގެން ހުރި މީހާ އެގެއަށް ވަނުމުން އޭނާ އާއެކު ދިޔަ އަނެއް މީހާ އެހިސާބުން ދިޔައީ ކަމަށް ވެސް އަލީ އިބްރާހިމް ވިދާޅުވި އެވެ. އަދި ދަބަސް ހިފައިގެން އެގެއަށް ވަން މީހާ އަށް ހަމަލާދީފައި ވަނީ އެގޭގެ ތިން ވަނަ ބުރީގެ ސިނޑިގޮޅި ތެރޭގައި މޫނު ނިވާ ކޮށްގެން ފިލައިތިބި ތިން މީހުންގެ ގްރޫޕަކުން ކަމަށެވެ.
"އެ ދެ މީހުން އެކުގައި އެގެއަށް ދިޔައީ. އެކަމަކު ފައިސާ ދަބަސް ހިފައިގެން ދިޔަ ކުއްޖާއާ އެކު ދިޔަ. އަނެއް ކުއްޖާ ގެއަށް ދަނީ ކަމަށް ބުނެ އޭނަ އެހިސާބުން ދިޔައީ ގެއަށް" އޭނާ ވިދާޅުވި އެވެ.
އަލީ އިބްރާހިމް ވިދާޅުވީ އޭނާ އަށް ހަމަލާދީފައި ވަނީ އޭނާ ހިފައިގެން ދިޔަ ހަތަރު ފައިސާ ދަބަސް ފޭރިގަތުމަށް ފަހު ބޮލުގައި އެއްޗަކުން ޖަހުމަށް ފަހު ކަމަށެވެ.
"އޭނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަނީ. ބޯއެކަނި ފަޅައިގެން ގޮއްސަ ހުރީ. ދެން ދަބަސް ދަމައިގަތް ވަގުތު އަތަށް ވަރަށް ތަދުވި ކަމަށް އޭނާ ބުނި" އަލީ އިބްރާހިމް ވިދާޅުވި އެވެ.