25 Oct 2025, 09:28
މީގެ ހަތް އަހަރު ކުރިން ބަތަލާ ތްރިޕްތީ ދިމްރީ ބޮލީވުޑަށް ތައާރަފުވި ލޯބީގެ ފިލްމު "ލައިލާ މަޖްނޫ"ގައި ތުރިޕްތީ ކުޅުނު ރޯލް އެންމެ ފުރަތަމަ ހުށަހެޅީ ޓެލެވިޒަން ބަތަލާ ހީނާ ޚާންއަށް ކަމަށް ބަތަލާ ބުނެފިއެވެ.
ދަ ފްރީ ޕްރެސް ޖާނަލްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ބަތަލާ ހީނާ ޚާންއަށް ޑައިރެކްޓަރު އިމްތިޔާޒު އަލީގެ ފިލްމުން ފުރުސަތު ގެއްލުނީ ބަތަލާގެ ހަމުގެ ކުލަ އަލި ނުވުމުންނެވެ.
އެ ފިލްމުގައި ތުރިޕްތީ ކުޅުނު ރޯލަށް ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު ބޭނުންވީ ކަޝްމީރަށް ނިސްބަތްވާ ހަމުގެ ކުލަ އަލި ރީތި ދޮން އަންހެން ކުއްޖެއް ކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.
ނަމަވެސް ހައިރާންވާންޖެހޭ ކަމަކީ ބަތަލާ ހީނާ ޚާން އަކީ ޖައްމޫ-ކަޝްމީރުގެ އިންޑިއާވީ ފަޅީގެ ސްރީނަގަރަށް ނިސްބަތްވާ މުސްލިމު އާއިލާއަކަށް އުފަންވެފައިވާ ބަތަލާއެއް ކަމެވެ.

ފިލްމު "ލައިލާ މަޖްނޫ"ގެ މަންޒަރެއްގައި އަވީނާޝް އަދި ތުރިޕްތީ--ފޮޓޯ/އެންޑީޓީވީ
އެއާ ޚިލާފަށް ކަޝްމީރު އަންހެން ކުއްޖެއްގެ ސިފަ ހުރިކަމަށް ބުނެ ފިލްމު "ލައިލާ މަޖްނޫ"އިން ފެނުނު ބަތަލާ ތުރިޕްތީ ދިމްރީ އަކީ އިންޑިއާގެ އުއްތަރަހާންދަށް ނިސްބަތްވާ ބަތަލާއެކެވެ.
އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ހީނާ ޚާންއަށް "ލައިލާ މަޖްނޫ" ގެއްލުނީ ކަޝްމީރު އަންހެން ކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ނެތުމުން ކަމަށް ބުނެ ފިލްމުން ބަތަލާ ވަކިކުރީ ވެސް އެންމެ ފަހު ވަގުތުގައި ކަމަށް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހީނާ ވަނީ ބުނެފައެވެ. އެކަމާ ބަތަލާ ވަރަށް މާޔޫސްވި ކަމަށް ވެސް އެ އިންޓަވިއުގައި ވަނީ ބުނެފައެވެ.
އަދި އެންމެ ދެރަވީ ހީނާ ކަޝްމީރީ އާއިލާއަކުން އައި ނަމަވެސް ކަޝްމީރު އަންހެންކުއްޖަކާ ވައްތަރުނޫން ކަމަށް ބުނުމުން ކަމަށް ބަތަލާ ބުނެފައިވެއެވެ. ނަމަވެސް އެ މައްސަލަ މާބޮޑު ކަމަކަށް ނުހަދައި ހީނާ ނިންމީ ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ބަތަލާ ތުރިޕްތީއާ އެކު އަވީނާޝް ތިވާރީ ފިލްމީ ދާއިރާއަށް ތައާރަފުވި "ލައިލާ މަޖްނޫ" ވަނީ ބޮކްސް އޮފީހުގައި ފެއިލްވެފައެވެ. ޑައިރެކްޓަރު އިމްތިޔާޒު އަލީގެ ސްކްރީންޕްލޭއަކަށް ސާޖިދު އަލީ ޑައިރެކްޓްކޮށް އުފެއްދި "ލައިލާ މަޖްނޫ"ގެ ޕްރޮޑިއުސަރުންނަކީ އެކްތާ ކަޕޫރާއި ޝޯބާ ކަޕޫރެވެ.