އިންޑިއާގެ މަޝްހޫރު މޮޑެލް އަދި ކުޅަދާނަ ނެށުންތެރިޔާ މަލައިކާ އަރޯރާ އިއްޔެ އުފަންދުވަސް ފާހަގަކުރިއިރު އުމުރުން 50 އަހަރުވެފައިވާ ކަމަށް ބުނުމުން އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.

އިންޓަނެޓުގައި ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު މަލައިކާގެ އުމުރުން އިއްޔެ ފުރުނީ 52 އަހަރެވެ. ނަމަވެސް މަލައިކާގެ އުފަންދުވަހާ ގުޅުވައިގެން ބޭއްވި ޚާއްސަ ހަފުލާގައި ހުރި ކޭކުގައި ޖަހާފައި ވަނީ 50 އެވެ.

ހަމައެއާއެކު 2019 ވަނަ އަހަރު މަލައިކާގެ އުފަންދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުން އެނގެންހުރި ގޮތުގައި އެ އަހަރު ބަތަލާ ފާހަގަކުރީ 46 ވަނަ އުފަންދުވަހެވެ. އެހެންވެ މި އަހަރު މަލައިކާގެ އުމުރުން 50 އަހަރު ފުރުމާ ގުޅޭގޮތުން ސުވާލު އުފެދޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މަލައިކާގެ އުފަންދުވަހުގެ ތަހުނިޔާގެ ގޮތުގައި ކޮއްކޮ އަދި ކުރީގެ ބަތަލާ އަމްރީތާ އަރޯރާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވެސް ބުނެފައި ވަނީ އަހަރުތަކެއް ވަންދެން 50 އަހަރުވެފައިވާ ކަމަށް ދައުވާކުރަމުން ދަނިކޮށް އެންމެ ފަހުން އުމުރުން 50 އަހަރު ފުރި, އެކަން މަލައިކާ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި ކަމަށެވެ. އަދި މިއަށްވުރެ ވަކި އުފާވެރި 50 ވަނަ އުފަންދުވަހެއް އަންނާނެތޯ އަމްރިތާ ވަނީ އެ ޕޯސްޓުގައި އަހާފައެވެ.

މަލައިކާ އުފަންދުވަހާ ގުޅުވައިގެން ބޭއްވި ހަފްލާގައި ދަރިފުޅު އަރްހާން ޚާން އަދި މަންމަ ޖޮއިސްއާ އެކު--ފޮޓޯ/މިޑްޑޭ

ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ބަތަލާއަށް 52 އަހަރުގެ ބަދަލުގައި 50 އަހަރުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ކުރިއަށްދިޔަ ނަމަވެސް އެކަމާ ގުޅޭގޮތުން މަލައިކާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން މަޖަލަކަށް ބުނެފައިވާ ގޮތުގައި މަލައިކާ އުމުރު ގުނާފައި ވަނީ ކޮވިޑުގެ އަހަރުތަކާއި ހަފުތާ ބަންދު ދުވަސްތައް ނުލައި ކަމަށް ވާތީ އަސްލު އުމުރަށް ވުރެ ހަގު ވުމަކީ އެކަށީގެންވާ ކަމެކެވެ.