18 Aug 2012, 12:59
ސިފައިންގެ ވެލްފެއާ ކުންފުނި ހިއްސާވެގެން، ކ. ތަނބުރުދޫގައި ރިސޯޓެއް ތަރައްގީ ކުރާތީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފި އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯ އާއި ފިނޭންސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުން ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާތީ އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ހިމެނޭތޯ ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅުން ހުރި ފަރާތްތަކުން މީޑިޔާއަށް ދީފައިވާ ސްޓޭޓްމަންޓްތައް ވެސް ބަލައި ދިރާސާކުރަމުން އަންނަ ކަމަށެވެ.
"ތަހުގީގު މިގޮތަށް ހިނގާތީ އަޅުގަނޑުމެންނަކަށް އަދި ދެންނެވޭކަށް ނެތް، ސީދާ މިއީ ކޮންގޮތަކަށް ހިނގާފައި އޮތް ކަމެއް ކަމެއް. ނަމަވެސް މިއީ ކުރީގެ ސަރުކާރުންސުރެ ނިމިފައި އޮތް އެގްރިމަންޓެއްކަން އެނގެން އެބަ އޮވޭ، އަދި އެކަން އެދަނީ އެގޮތަށްކަން އެނގެން މި އޮންނަނީ، އެ ހުރިހާ ދިމާލަކުން އަޅުގަނޑުމެން ބަލަމުން މިގެންދަނީ، ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް މި ކޮމިޝަނުން ތުހުމަތުކުރެވޭ އެއްވެސް މައްސަލައެއް ނުބަލައި ނުބާއްވާނެ،" ލުތުފީ ވިދާޅުވި އެވެ.
ރާޅާ އެޅުންތެރިންގެ މެދުގައި މަޝްހޫރު ސަރަހައްދުގައި އޮންނަ ތަނބުރުދޫ މީގެ ކުރިން ބޭނުން ކުރަމުން ދިޔައީ ސިފައިންގެ ތަމުރީނު ރަށެއްގެ ގޮތުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓާ މުހަންމަދު ނާޒިމް ވިދާޅުވީ "ސާފް ބުޓީކް" ރިސޯޓެއްގެ ގޮތުގައި ތަނބުރުދޫ ތަރައްގީ ކުރަން ހަވާލުކުރަނީ ސިންގަޕޫރުގެ ޓެލޮސް އިންވެސްޓްމަންޓާ ކަމަށެވެ. އަދި އެރަށް އެފަރާތާ ހަވާލުކުރަނީ ކޮންމެ އަހަރަކު ރޯޔަލްޓީ ލިބޭ ގޮތައް ކަމަށާއި އެއީ ރާއްޖޭހެ ރަށެއް ރިސޯޓެއް ހަދަން މިހާތަނަށް ކުއްޔަށް ދިން އެންމެ ބޮޑު އަގު ކަމަށެވެ.
ސިފައިންގެ ވިޔަފާރި ކުންފުންޏަކީ ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯގެ 90 ޕަސެންޓް އަދި ފިނޭންސްގެ 10 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. ސިފައިންގެ ވިޔަފާރި ކުންފުނި ރަޖިސްޓްރީ ކުރުމާއި ގުޅިގެން އެކަމާ ދެކޮޅަށް ތަފާތު ވާހަކަތައް ވަނީ ފެތުރިފަ އެވެ.
ލުތުފީ ވިދާޅުވީ އެގޮތައް ކުންފުންޏެއް ހެދޭނެތޯ ނުވަތަ ނޫންތޯވެސް ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި އެރަށް ބަޔަކާއި ހަވާލުކުރުމުގެ ޕްރޮސެސް ދިޔަގޮތް ވެސް ކޮމިޝަނުން ބަލާނޭ ކަމަށެވެ.
"އެކަން ޓްރާންސްޕޭރަންޓްކޮށް ބެލޭ ގޮތަށް އޮތީ، އެހެންވެ އަޅުގަނޑުމެންނަށް މުޅި އެ ޕްރޮސެސް ދިޔަގޮތް ބަލާނެ، އެއަށް ފަހު އެއްޗެއް ދަންނަވަން އެނގޭނީ،" ލުތުފީ ވިދާޅުވި އެވެ. ނާޒިމް ވެސް ވިދާޅުވެފައިވަނީ އެ މައްސަލަ ބަލަން ބޭނުން ކޮންމެ ފަރާތަކަށް އެއްބާރުލުން ދެއްވާނޭ ކަމަށާއި އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.