18 Aug 2012, 11:50
މާދަމާ ހަވީރު4:00 އިން ފެށިގެން މެންދަމު 12:00 އާ ހަމަހަށް ވެހިކަލު ނުދުއްވޭ ގޮތަށް ސިޓީ ކައުންސިލުން ނިންމާފައިވީ ނަމަވެސް އެވަގުތުގައި ވެހިކަލް ދުއްވާ މީހުނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު ހަސަން ހަނީފު މިއަދު ވިދާޅުވީ މާދަމާ އަކީ ހިނގާފައި އުޅޭ ދުވަހެއްގެ ގޮތަށް ހަމަޖެއްސުމަށް ފުލުހުނާ އެއްވެސް މަޝްވަރާއެއް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކޮށްފައިނުވާ ކަމަށާއި އެއްގަމުގައި ދުއްވާ އެއްޗިއްސާ ގުޅޭ ކަންކަން ރެގިއުލޭޓްކުރާ މުއައްސަސާއަކީ ޓްރާންސްޕޯޓް އޮތޯރިޓީ ކަމުގައި ވާތީ ފުލުހުން އަމަލުކުރަމުން ދާނީ އެ އޮތޯރިޓީ އިން ނިންމާފައިވާ ގޮތުގެ މައްޗަށް ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައި ވަނީ އެއްގަމު އުޅަނދު ފަހަރާ ބެހޭ ގޮތުން ނިންމުމަތައް ނިންމުމުގެ އެއްވެސް ބާރެއް ސިޓީ ކައުންސިލަށް ލިބިގެން ނުވާ ކަމަށާއި އެފަދަ ނިންމުން ނިންމުމުގެ ބާރު ގާނޫނީ ގޮތުން ލިބިގެން ވަނީ އެ އޮތޯރިޓީ އަށް ކަމަށެވެ. އަދި މާދަމާ ވެހިކަލް ނުދުއްވާ ދުވަހެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައި ނުވަތީ އެ ދުވަހު ހަވީރުން ފެށިގެން މެންދަމުގެ ނިޔަލަށް ވެހިކަލް ދުއްވައިގެން އެއްވެސް މީހަކު ކުށްވެރި ނުވާނެ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އާއި ފުލުހުން މިހެން ބުނެފައިވާ އިރު މާލޭ ސިޓީ ކައުންސިލުން މިދިޔަ މަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ވަނީ މާދަމާ ހަވީރު 4:00 އިން މެންދަމު 12:00 އަށް މާލޭގެ މަގުތަކުގައި ދުއްވޭނީ، އާންމު ދަތުރުފަތުރުގެ ގޮތުގައި ދުއްވާ ބަސްތަކާއި އެމްބިއުލާންސާއި ހުއްދަ ދެވިފައިވާ ވެހިކަލްތައް އެކަނި ކަމަށެވެ.