ސައުތު ސިނަމާގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭ ހިމެނޭ ރާމް ޗަރަންގެ އަންހެނުން އުޕަސާނާ ކަމިނޭނީ ބަލިވެއިންކަން އިއުލާނުކޮށްފިއެވެ.

މީގެ އެއް އަހަރު ކުރިން އަލަތު ދަރިފުޅު ލިބިފައިވާ ދެމަފިރިންނަށް މި ފަހަރު ލިބެނީ ޓުވިންސެކެވެ. އުޕަސާނާ ބަލިވެއިނުމާ ގުޅިގެން ބޭއްވި ޚާއްސަ ހަފްލާގެ މަންޒަރުތައް ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ރާމް ބުނީ މިފަހަރު އެ އާއިލާއަށް ލިބޭ އުފާވެރިކަން ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ހަފްލާއަށް ދައުވަތު ދެވުނީ ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މެންބަރުންނަށާއި ވަރަށް ގާތް މަދު ރަހުމަތްތެރިންނަށެވެ. އޭގެ ތެރޭގައި ސައުތު ސިނަމާގެ މަޝްހޫރު އެކްޓަރު އަދި ރާމްގެ ބައްޕަ ޗިރަންޖީވީގެ ގާތް އެކުވެރިޔާ ނާގަރުޖުނާގެ އިތުރުން ރާމްއާ ދެބެއިންގެ ދެ ދަރި އެކްޓަރު ވަރުން ތޭޖް ވެސް ހިމެނެއެވެ.

ރާމް ޗަރަން އާއި އަންހެނުން އުޕަސާނާ ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ އެކު--ފޮޓޯ/މިޑްޑޭ

ރާމްއާއި އުޕަސާނާއަށް އަލަތު ދަރިފުޅު ލިބިފައިވަނީ ދެ މީހުންގެ ކައިވެންޏަށް 11 އަހަރުވީ ފަހުންނެވެ. މިހާރު އަހަރުވެފައިވާ އަންހެން ދަރިފުޅުގެ ނަމަކީ ކްލިން ކާރާ ކޮނިޑެލާއެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ރާމް ޗަރަންއަކީ ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެ ތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ. ސައުތު ސިނަމާގެ އެންމެ ވަރުގަދަ ފިލްމީ އާއިލާއަށް ނިސްބަތްވާ ރާމްގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެތެރޭ "އާރްއާރްއާރް" ހިމެނޭއިރު ރާމް އެންމެ ފަހުން ފެނިފައިވަނީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "ގޭމް ޗޭންޖާ"އިންނެވެ.

ރާމްގެ ދެން އެންމެ އަވަހަށް ރިލީޒްވާނީ މި އަންނަ އަހަރުގެ މާރިޗު މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ޕެއްޑީ"އިންނެވެ.