ސްޓާ ޕްލަސްއިން މިހާރު ދައްކަމުން އަންނަ މަގުބޫލު ޑްރާމާ ސީރިއަލް "ކިއުކީ ސާސް ބީ ކަބީ ބަހޫތީ"ގެ ދެވަނަ ސީޒަންގެ އެންމެ ފަހު އެޕިސޯޑުގައި މަޝްހޫރު މަހުޖަނު ބިލް ގޭޓްސް ބައިވެރިވެއްޖެއެވެ.

މައިކްރޯސޮފްޓްގެ ކޯ-ފައުންޑަ ބިލް ގޭޓްސް ބައިވެރިވެފައިވަނީ އެ ޑްރާމާ ސިލްސިލާގެ ރޭގެ އެޕިސޯޑުގައެވެ. ބިލް ގޭޓްސް އެ ސިލްސިލާގެ އެޕިސޯޑެއްގައި ބައިވެރިވީ "ކިއުކީ ސާސް ބީ"ގެ ލީޑް ބަތަލާ ސްމިރްތީ އިރާނީއާ އެކު ކުރެވުނު ވީޑިއޯ ކޯލަކުންނެވެ.

މި ވީޑިއޯ ކޯލްގައި ބިލް ގޭޓްސް ވަނީ އާއިލާގެ ޒިންމާތައް އަދާކުރަމުން އަމިއްލަ ސިއްހަތާ މެދު ފަރުވާތެރިވެ ސިއްހަތަށް ގެއްލުންވެދާނެ ކަންކަމުން ދުރުހެލިވުމަށް ސަމާލުވުމަށް ނަސޭހަތްތެރިވެފައެވެ.

ހަމައެއާއެކު ބިލް ގޭޓްސްގެ ގޭޓްސް ފައުންޑޭޝަނުން މާބަނޑު އަންހެނުންނާއި ތުއްތު ކުދިންގެ ސިއްހަތަށް ރައްކާތެރިވެ ފައިދާހުރި ކާނާ ދިނުމާ ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުވުމުގެ މުހިއްމުކަމުގެ މައްޗަށް މި ވީޑިއޯގައި ވަނީ މަޝްވަރާކޮށްފައެވެ.

ބިލް ގޭޓްސް އާއި ސްމިރްތީ އިރާނީ މިދިޔަ އަހަރު ދިއްލީގައި ބޭއްވި އޭލިއަންސް ފޯ ގްލޯބަލް ގުޑް އޮން ޖެންޑަ އީކުއިޓީ އެންޑް އީކުއަލިޓީ އިވެންޓުގައި--ފޮޓޯ/އެންޑީޓީވީ

ސިލްސިލާގައި ބިލް ގޭޓްސް ޚާއްސަ ފެނިލުމެއް ދެއްކުމާ ގުޅިގެން ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނީ އެއީ އެ ސިލްސިލާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެންމެ އުފާވީ ބިލް ގޭޓްސްގެ މަންޒަރުތަކުގެ ސްކްރިޕްޓް ލިޔުމުގެ ފުރުސަތު ވެސް ލިބުމުންނެވެ.

ބިލް ގޭޓްސްގެ ޚާއްސަ ފެނިލުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އުފާފާޅުކޮށް ޚިޔާލު ބަދަލުކޮށްފައެވެ. އެގޮތުން މިއީ ބިލް ގޭޓްސްގެ ޒަމާންވީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި އެ ސިލްސިލާގެ ލީޑް ފިރިހެން ކެރެކްޓަ މިހިރް ވިރާނީގެ ރޯލް ކުޅުމަކީ މަޝްހޫރު މަހުޖަނު އަބަދު ވެސް ބޭނުންވި ކަމެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މިއީ މަޝްހޫރު އެމެރިކަން ޓެލެވިޒަން ސީރީސް "ދަ ބިގް ބޭންގް ތިއަރީ"އަށް ފަހު ބިލް ގޭޓްސްގެ ހާއްސަ ބައިވެރިވުމެއް ހިމެނުނު ދެވަނަ ޓީވީ ސީރީސްއެވެ.

އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައިވާ ގޮތުން "ކިއުކީ ސާސް ބީ 2"ގެ ކުރިއަށް އޮތް ތިން އެޕިސޯޑުން ވެސް ބިލް ގޭޓް ފެންނާނެއެވެ.