18 Aug 2012, 11:19
ކުވޭތާއި ސައުދީ އަރަބިޔާއާއި ގަތަރުން ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ސަޢޫދީޢަރަބިޔާގެ މައްކާގައި ކުރިއަށް ދިޔަ އޯއަސީ ސަމިޓް ނިންމާލުމަށް ފަހު މިއަދު އެބުރި މާލެ ވަޑައިގެން އެއާރޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ކުވޭތާއި ސައުދީ އަރަބިޔާއާއި ގަތަރުން ރާއްޖޭގެ ތަރައްގީގެ އެކި މަޝްރުއުތަކަށް އެހިތެރިކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަދި ރާއްޖޭގެ ބަޖެޓްގެ ހާލަތު ދައްވުމުގެ ސަބަބުން ބަޖެޓް ސަޕޯޓަށް އިތުރު ކުރެޑިޓް ލައިނެއް ލިބޭތޯ މަސައްކަތް ކުރެއްވި ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ ބަޖެޓް ސަޕޯޓުގެ އިތުރުން ވެސް ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމަށާއި ބޯފެނުގެ މަޝްރޫއުގެ އިތުރުން ބަނދަރު ހެދުމުގެ މަޝްރޫއުއަށް ބޭނުންވާނެ އެހީތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށާއި އެކަމަށް ބޭނުންވާ ޑޮކިއުމަންޓްސްތައް ފޮނުުވުނުހާ އަވަހަކަށް އެހީގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ވަރަށް އަވަހަށް ރާއްޖެ އަށް ރާއްޖޭގެ ބައެއް ތަރައްގީގެ މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ޓަކައި، އަޅުގަނޑު އުއްމީދުކުރަނީ ހާއްސަކޮށް ކުވޭތާއި ގަތަރާއި ސައުދީ އަރަބިއާ އިން އަޅުގަނޑުމެންނަށް ރަނގަޅު އެހީތަކެއް ލިބިގެންދާނެ ކަމަށް. މިއިން ކޮންމެ ދަތުރަކުން ވެސް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ނިކުންނާނީ އޭގެ ފޮލޯއަޕް ރަނގަޅުވެގެން. ފޮނުވަން ޖެހޭ ދުވަސްތަކަށް ޑޮކިއުމަންޓްސްތައް ފޮނުވައިގެން. އެމަސައްކަތް ކުރެވުނުވަރަކުން އޭގެނަތީޖާނެރެވޭނީ. އެހެންވީމާ އަޅުގަނޑުމެން އުއްމީދު ކުރަނީ ކުރިއަށް އޮތް ދުވަސްކޮޅުތަކުގައި ވަރަށް އަވަހަށް އެ މަސައްކަތް ކުރެވޭތޯ،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫއަށް އެހީގެ ގޮތުގައި ލިބެނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.