ލަންޑަން (އޮގަސްޓް 18) : އިނގިރޭސިވލާތަށް ކުރިމަތިވެފައިވާ އިޤްތިސާދީ ހީނަރުކަމާއި ވަޒީފާ ނެތްމީހުންގެ ޢަދަދު އިތުރުވަމުން ދިޔުމާއެކު އަމިއްލައަށް މަރުވާމީހުންގެ ޢަދަދުވެސް އިތުވެގެން ހިނގައްެޖެކަން އެޤައުމުގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

މިދިރާސާ ކުރުމުގައި އސްކޮށް ޙަރަކާތްތެރިވި ކޭންބްރިޖް ޔުނިވަސިޓީގެ ސޯސިއޮލޮޖީއާބެހޭ ޕްރޮފެސާ ޑޭވިޑް ސްޓެކްލާ ވިދާޅުވިގޮތުގައި އިޤްތިސާދީ ހީނަރުކަމާގުޅިފައިވާ ކަމަށްބެލެވޭ ޙާލަތްތަކުގައި އެކަނިވެސް އެއްހާސް މީހުން އަމިއްލައަށް މަރުވެފައިވާކަން މިދިރާސާއިން ހާމަވެއެވެ. މިދިރާސާގެ ނަތީޖާ ދައްކާގޮތުން 2008 އާއި 2010 އަކާ ދެމެދު އަމިއްލައަށް މަރުވި މީހުންގެ ޢަދަދު ކުއްލިއަކަށްވަނީ ގިނަވެފައެވެ. ކުރިން އާންމުކޮށް އަމިއްލައަށް މަރުވާމިންވަރަށްވުރެ މި މުއްދަތުގައި ހާހެއްހާ މީހުން އިތުރަށް މަރުވެފައިވާތީ މިއީ އިޤްތިސާދީ ހީނަރުކަމާގުޅިފައިވާ ޙާލަތްތަކެއްކަމަށް ބެލެވޭކަމަށް ސްޓެކްލަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތަށް އިޤްތިސާދީ ހީނަރުކަން އަންނަންފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ. އިނގިރޭސިވިލާތްފަދަ ލާދީނީ މުޖްތަމަޢުތަކުގައި ވަޒީފާގެއްލި އިޤްތިސާދީ ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ރޫޙާނީ ފަރުވާ ދިނުމަށް އެޤައުމުގެ ސޯޝިއޮލޮޖީގެ ބައެއް ޢިލްމުވެރިން ކުރިން ގޮވާލައްވާފައިވެއެވެ. އިނގިރޭސިވިލާތުގައި ކޮށްފައިވާ އިޖްތިމާޢީ ދިރާސާ ދައްކާގޮތުން އެޤައުމުގައި ވަޒީފާގެއްލި އިޤްތިސާދީ ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ދަނީ ބަނގުރަލާއި ދިމާއަށެވެ. މިކަމުގެ ސަބަބުން މައްސަލައަށް ހައްލުނުލިބި ބަނގުރަލަށް ދެވިހިފުމުގެ އިތުރު މައްސަލައެއް ކުރިމަތިވެ އެންމެފަހުން މިތަކެތި ގަންނާނެފައިސާ ނެތުމުން އަމިއްލައަށް މަރުވުމާދިމާއަށް ދިޔުން އަވަސްވާކަން ހާމަވެފައިވެއެވެ.

އިނގިރޭސިވިލާތުގައި ކޮށްފައިވާ އިޤްތިސާދީ ދިރާސާތައް ދައްކާގޮތުން އެޤައުމުގައި ވަޒީފާނެތްމީހުންގެ ޙަޤީޤީ ނިސްބަތް 2008 ވަނައަހަރާއި 2010 ވަނަ އަހަރާ ދެމެދު 25.6 ޕަސެންޓަށް މައްޗަށް ގޮސްފައިވެއެވެ. މިމުއްދަތުގައި އަމިއްލައަށް މަރުވި މީހުންގެ ނިސްބަތް ކުރިޔަށްވުރެ 3.6 ޕަސެންޓަށް މައްޗަށް ގޮސްފައިވާކަން އިޖްތިމާއީ ދިރާސާއިން ހާމަވެފައިވެއެވެ. -- ދަ ގާޑިޔަން