18 Aug 2012, 11:08
މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ދެ ފުލުހަކާ ގުރޫޕަކުން ދިމާކޮށް މާރާމާރީ ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ އިރުއްސި 7 ޖަހާ އެހާކަންހާއިރު ކާނިވާ ސަރަހައްދު ޕެޓްރޯލްކުރަމުން ދިޔަ ދެ ފުލުހަކާ ދިމާކޮށް މާރާމާރީ ހިންގާފައި ވަނީ ކާނިވާ ތެރޭގައި ހުންނަ ޑޯލްފިން ވިޔު ކެފޭ ކައިރީގައި ތިބި 20 މީހުން ގެ ގްރޫޕަކުން ކަމަށެވެ.
އެ މާރާމާރީއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުނެއް ނުދެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 18 އަހަރާއި 19 އަހަރުގެ ދެ މީހުން ކަމަށެވެ. ނަމަވެސް އެ މީހުނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުނެއް ނުދެ އެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން މިހާރު ގެންދަނީ ތަހުގީގް ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.