23 Oct 2025, 10:56
ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް ރަސްމީކޮށް ފެށުމަށް ރޭ ބާއްވާ ޚާއްސަ އިވެންޓްގައި ރާއްޖޭގެ ދިދަ ވިހުރުވާލައިފިއެވެ.
ރާއްޖޭގެ ދިދަ އުފުލާލަދިން އެތުލީޓުންނަކީ ބީޗް ވޮލީ ކުޅުންތެރިޔާ އައިޝަތު ދީމާ ނަދީމާއި ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން ލަހުފާން ޝަހީމެވެ.
ޔޫތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލާނެ ފްލެގް ބެއަރާސްއާ އިއްޔެ ރަސްމީކޮށް ދިދަ ހަވާލުކޮށްދެއްވީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއެވެ. ދެ އެތުލީޓުންނާ ވެސް މިނިސްޓަރު ދިދަ ހަވާލުކޮށްދެއްވީ ޓީމް ހޮޓެލްގައި އިއްޔެ ބޭއްވި ޚާއްސަ އިވެންޓްތަކެއްގައެވެ.

އޭޝިއަން ޔޫތު ގޭމްސް 2025 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ކޮންޓިންޖެންޓް-- ފޮޓޯޯ: އެމްއޯސީ
ފްލެގް ބެއަރާސްއާ ބައްދަލުކުރައްވާ އިއްޔެ މިނިސްޓަރު ފާހަގަކުރެއްވީ ގޭމްސްއެއްގައި ރާއްޖޭގެ ދިދަ ވިހުރުވާލަން ލިބޭ ފުރުސަތަކީ ޝަރަފުވެރި ފުރުސަތެއް ކަމަށާއި، އެކަމަށް ދެ އެތުލީޓުންނަށް ވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ. އޭގެ އިތުރުން އެތުލީޓުންނާ ބައްދަލުކުރައްވާ މިނިސްޓަރު ފާހަގަކުރެއްވީ ރާއްޖެ ތަމުސީލުކުރުމުގައި އަބަދުވެސް ހިތްވަރާއެކު މަސައްކަތް ކުރެއްވުމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޒުވާން އުމުރުގައި ރާއްޖެ ތަމްސީލުކުރަން އެތުލީޓުންނަށް ލިބުނު ފުރުސަތުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފަންޖެހޭ ކަމަށެވެ. އަދި، ރާއްޖޭގެ ބެޖު މޭމަތީގައި ޖަހައިދިން ކުޅޭ ކުޅުމުގައި ގައުމު ފަހުރުވެރިވާނެ މަސައްކަތެއް އަބަދުވެސް ކޮށްދެއްވުމަށް އެތުލީޓުނަށް ހަނދާން ކޮށްދެއްވާފައިވެއެވެ.

އޭޝިއަން ޔޫތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ކޮންޓިންޖެންޓު-- ފޮޓޯ: އެމްއޯސީ
ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 22 އިން 31 އަށް ބަހްރެއިންގެ ވެރިރަށް ކަމަށްވާ މަނާމާގައެވެ. މި މުބާރާތުގައި 45 ގައުމަކުން 2000 އަށްވުރެ އެތުލީޓުން ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.
އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކުރެވިގެން ކުރިއަށްގެންދާ މި މުބާރާތުގައި 25 އިވެންޓެއް ކުރިއަށްދާނެއެވެ.