އިންޑިއާގެ ލެޖެންޑް ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ހުއްދަ ނެތި އޭނާގެ ފޮޓޯއާއި ވީޑިއޯ އަދި އަޑު ބޭނުން ކުރުން އިންޑިއާގެ ދިއްލީ ހައިކޯޓުން މަނާކޮށް އަމުރު ނެރެފިއެވެ.

ދިއްލީ ހައިކޯޓުން އެކަން މަނާކޮށް އަމުރު ނެރުނީ ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ހުއްދަނެތި އޭނާގެ ނަމާއި ފޮޓޯ އަދި އަޑު ވިޔަފާރީގެ ބޭނުމަށް ބަޔަކު މީހުން ބޭނުންކުރާ މައްސަލަ ހައިކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.

އަމިއްލަ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ކުމާރުގެ ވަކީލުންގެ ޓީމުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުންތައް ނިމިފައިވާއިރު މި މައްސަލައިގެ އިތުރު އަޑު އެހުންތައް ދެން ފަށާނީ އަންނަ އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުމާރު ސާނޫ އަންހެން ދަރިފުޅު ޝެނޮން ކޭއާ އެކު ލަވައެއް ހުށަހަޅައިދެނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ކުމާރުގެ ނަމާއި ފޮޓޯ އަދި އަޑު ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ކުންފުނިތަކުގެތެރޭ ގިނަ ބަޔަކު އޮންލައިންކޮށް ވިޔަފާރީގެ މުއާމަލާތްތައް ހިންގާ އެމެޒޯން އަދި ފްލިޕްކާޓް ވެސް ހިމެނެއެވެ.

މީގެއިތުރުން ގޫގްލް އަދި މެޓާގެ ދަށުން ހިންގާ އެޕްލިކޭޝަންތައް ވެސް އޭގެތެރޭގައި ހިމެނެއެވެ. ކުމާރުގެ ފޮޓޯ އާއި އަޑު ބޭނުންކޮށްގެން އުފައްދާފައިވާ ހުރިހާ ކޮންޓެންޓްތައް ވަގުތުން ވަގުތަށް ނެގުމަށް ދިއްލީ ހައިކޯޓުން ވަނީ އެ އެޕްލިކޭޝަންތައް ހިންގާ ކުންފުނިތަކަށް އަންގާފައެވެ.

'ދަ މެލޮޑީ ކިންގް އޮފް ބޮލީވުޑް'ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ އަކީ 90އިގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ވެސް ބޮލީވުޑްގެ އެންމެ ސުޕަ ހިޓު ލަވަތަކަށް އަޑު އަޅައިދެމުން އަންނަ ލަވަކިޔުންތެރިއެކެވެ.

އެއް ދުވަސްތެރޭ މުޅިއެކު 28 ލަވަ ރެކޯޑު ކުރުމާ ގުޅިގެން ކުމާރަށް ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ލިބިފައެވެ.