މާދަމާ ހެނދުނު ސްޓޭޑިއަމްގައި ބާއްވާ އީދު ނަމާދުގައި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަވްތާ ބަޔަކު ބައިވެރިވެގެން ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ނަމުގައި ބައެއް ޝޯސަލް މީޑިއާތަކުގައި ހަގީގަތާއި ހިލާފު ދޮގު މައުލޫމާތުތައް ފަތުރަމުން ގެންދާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ "އެޓް އަދާލަތު" މިނަމުގައި ޓުވިޓާގައި ބޭނުންކުރަމުން އެކައުންޓެއް މެދުވެރިކޮށް ފިތުރު އީދު ދުވަހު ސްޓޭޑިއަމްގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގައި ވަކި ޕާޓީއެއްގެ ބަޔަކު ބައިވެރިވެގެން ނުވާނެ ކަމަށް އަދާލަތުޕާޓީއަށް ނިސްބަތްކޮށް ފަތުރަމުން ގެންދާ ކަމަށާއި އޭގެ ބޭނުމަކީ އެޕާޓީއާމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުން ކަމަށެވެ. އަދި އެނަމުގައި ބޭނުން ކުރަމުން އަންނަ ޓުވިޓާ އެކައުންޓާ އެޕާޓީއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެޕާޓީގެ ރަސްމީ ޓުއިޓާ އެކައުންޓަކީ "އެޓް އަދާލަތު އޮފީސް" ކަމުގަ އެވެ.

އެޓް އަދާލަތު މިނަމުގައި ޓުވިޓާގައި ބޭނުން ކުރަމުން އަންނަ އެކައުންޓްގައި އީދު ދުވަހު ސްޓޭޑިއަމްގައި ބާއްވާ އީދު ނަމާދާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ލިޔެފައިވެ އެވެ. އެގޮތުން އަންހެނުން އީދު ނަމާދަށް ސްޓޭޑިއަމަށް ނައުމަށާއި އީދު ނަމާދު ކުރާއިރު އެމްއެންޑީއެފްގެ އޮފިޝަލުންނާއި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނަވާނެތީ އެމްޑީޕީގެ ސަޕޯޓަރުން އެކަމުގައި ބައިވެރިނުވުމަށް ވެސް އެކައުންޓްގައި އެދިފައިވެ އެވެ.

"އީދު ނަމާދު ކުރުމަށް އެންމެ މާތްވެގެންވާ އަދި ސުންނަތް ގޮތަކީ ހުސްމައިދާނުގައި ފިރިހެން އަންހެން، ކުދި ބޮޑު އެންމެން ޖަމާވެ އެނަމާދު ކުރުމެވެ. އަދި ނަމާދުކޮށް ނިމުމުން އެންމެން ސަލާމް ގަލާމްކޮށް ހިތްހެޔޮކޮށް އިސްލާމީ އުހުވަތްތެރި ކަމުގެ ގުޅުން އަލާކުރުމެވެ. މިމާތް އިޖުތިމާއީ ސުންނަތް ރާއްޖޭގައި އާލާކުރެއްވުމަކީ އަދާލަތުޕާޓީގެ ފަރާތުން ނުހަނު އުފާކުރާ ކަމެކެވެ. މި މާތް ސުންނަތް ދިރުވުމަށް މިއަށްވުރެ ވަކި މުނާސަބަތު ވަގުތެއް އޮންނާނެތޯ އެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

އަދާލަތުން ބުނީ ރަސޫލާގެ ސުންނަތާއި އެއްގޮތަށް ސްޓޭޑިއަމްގައި އީދު ނަމާދު ކުރުމަށް ހަމަޖެއްސުމާ ގުޅިގެން މިކަމަކީ މިސްކިތްތައް ހުސްކޮށް، ކުޅޭ ދަނޑުތަކުގައި ނަމާދުކޮށް ދީނަކީ ކުޅިވަރެއް ކަމުގައި ހެދުން ކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުން ގެންދާތީ އެކަމާ އެޕާޓީން ހިތާމަ ކުރާ ކަމަށެވެ. އަދި އީދަކީ އެންމެހާ މުސްލިމުންނަށް އަންނަ އުފާވެރި ދުވަހަކަށްވާއިރު ސިޔާސީ ބައިބައިވުންތަކަށްޓަކައި މި މުގައްދަސް އިސްލާމީ މުނާސަބަތު ފަނޑުވިޔަ ދެވިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިޔާސީ ހިޔާލު ތަފާތުވުންތަކާއި ރުޅިވެރިކަން އެއްފަރާތްކުރުމަށްފަހު ވީހާވެސް ގިނަ ބަޔަކު ސްޓޭޑިއަމް ސަރަހައްދުގައި ބާއްވާ އީދު ނަމާދުގައި ބައިވެރިވުމަށް އަދާލަތުން ވަނީ ގޮވައިލައިފަ އެވެ.