23 Oct 2025, 09:34
ބޮލީވުޑްގެ ފިލްމުތަކުން ވިލެންގެ ރޯލް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އާ ފިލްމުގައި ހޮލީވުޑް އެކްޓަރެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ނަވާޒުއްދީންގެ ފިލްމު "ފަރާރު"ގެ މުހިއްމު ރޯލަކުން ފެންނާނީ ހޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "މިޝަން އިމްޕޮސިބްލް"، "ޖީއައި ޖޯ" އަދި "އިންޑިއާނާ ޖޯންސް" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު އިލިއާ ވޮލޮކްއެވެ.
ކުޝާގްރާ ވަރުމާ ޑައިރެކްޓްކުރާ މި ފިލްމުގައި ހިންދީ ސިނަމާއިން މިހާތަނަށް ވިލެންގެ ރޯލްތަކުން ފެނިފައިވާ ކެރެކްޓާތައް މުޅީން އާގޮތަކަށް ގެނެސްދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ފަރާރު"ގެ ބަތަލާ ނިމިޝާ ސަޖާޔަން--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމުގައި ހޮލީވުޑް އެކްޓަރު އިލިއާ ހިމެނުމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ކުޝާގްރާ ބުނީ، ފިލްމުގައި ހޮލީވުޑް އެކްޓަރު ފެންނާނީ ނަވާޒުއްދީންއާ ދެކޮޅަށް މަސައްކަތްކުރާ ކެރެކްޓާއަކުން ކަމަށެވެ.
އެއީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި އޭގެ ސަބަބުން މުޅިން ދެ ސިނަމާއެއްގައި މަސައްކަތްކުރާ ތަރިންގެ ހުނަރު ގްލޯބަލީ ފިލްމު ބަލާ އޯޑިއަންސަށް ވެސް ވަރަށް ރަނގަޅަށް ދައްކުވައިދެވޭނެ ކަމަށް ކުޝާގްރާ ވަނީ ބުނެފައެވެ.
މި ފިލްމަކީ ވަރަށް ރޭވުންތެރިކަމާ އެކު ބޮޑު ވައްކަމެއް ކުރުމަށް ޓީމަކުން ތައްޔާރުވާ ތައްޔާރުވުންތައް ދައްކުވައި، މި ފިލްމަކީ ހައިސްޓް ތުރިލާއެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ. ނަވާޒުއްދީންގެ އިތުރުން ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭ ދާދިފަހުން ނެޓްފްލިކްސްގައި ޕްރީމިއަކުރި ވެބް ސީރީޒް "ޑައްބާ ކާޓެލް"ގެ ބަތަލާ ނިމިޝާ ސަޖާޔަން ފެންނާނެއެވެ.
ޕްރީ ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ކުޝާގްރާ ވަނީ ބުނެފައެވެ.