23 Oct 2025, 09:19
އިނގިރޭސިބަހުން ގިނަ ފިލްމުތަކެއް އުފައްދާފައިވާ އިންޑިއާއަށް ނިސްބަތްވާ އެމެރިކާގެ ފިލްމު ޑައިރެކްޓަރު މީރާ ނަޔަރު އަލަށް އުފައްދާ ފިލްމެއް ބަތަލާ ތާންޔާ މަނިކްތާލާއަށް ހުށަހަޅައިފިއެވެ.
މަޝްހޫރު ކުރެހުންތެރިޔާ އަމްރިތާ ޝޭރު-ގިލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ލީޑް ބަތަލާގެ ރޯލް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ބޮލީވުޑްގެ ޒުވާން ބަތަލާ އަނަނިޔާ ޕާންޑޭއަށެވެ.
ނަމަވެސް، އަނަނިޔާގެ ބަދަލުގައި ފިލްމުގެ ލީޑް ބަތަލާގެ ރޯލް އެންމެ ފަހުން ހުށަހަޅާފައިވަނީ ފިލްމު "ކިލް" އަދި "އަ ސޫޓަބްލް ބޯއި"ގެ ބަތަލާ ތާންޔާއަށް ކަމަށާއި ތާންޔާއާ އެކު ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ދަރިކޮޅަށް ނިސްބަތްވާ އެމެރިކަން ފިލްމު ޕްރޮޑިއުސަރު މީރާ ނަޔަރު--ފޮޓޯ/އިންޑިއާފޯރަމްސް
މި ފިލްމުގެ ވަރަށް ބޮޑު ބައެއް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޝޫޓްކުރަން ނިންމާފައިވާއިރު ހަންގޭރީ އަދި ފްރާންސްގެ އެކި ސިޓީ ތަކުގައި ވެސް ފިލްމުގެ މަންޒަރުތައް ނަގަން ވަނީ ހަމަޖައްސާފައެވެ.
މަޝްހޫރު ކުރެހުންތެރިޔާ އަމްރީތާ ކުރެހުންތެރިއެއްގެ ގޮތުގައި ހަޔާތުގެ ދުވަސްތައް ވޭތުކުރި ގޮތް ފިލްމުން ދައްކުވައިދޭނެއިރު އޭނާގެ ދިރިއުޅުމުގައި މުހިއްމު ރޯލްތައް ކުޅުނު ޝަހްސިއްޔަތުންތައް ވެސް ފިލްމުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭގެ ތެރޭގައި އަމްރިތާގެ ބައްޕަ އުމްރާއޯ ސިންގް ޝޭރް-ގިލް، ފިރިމީހާ ވިކްޓާ އީގަން، ފަހުން އެންގޭޖްވި ޔޫސުފް އަލީ ޚާން އަދި ގާތް އެކުވެރިޔާ ޖަވާހަރްލާލް ނެހްރޫ ހިމެނެއެވެ.
މި ރޯލްތައް ހުށަހަޅާފައިވާ ބޮލީވުޑްގެ އެކްޓަރުންގެތެރޭ ނަސީރުއްދީން ޝާހް، ވިކީ ކޯޝަލް އަދި ޖިމް ސާބް ހިމެނޭއިރު މިއިން އެއްވެސް ތަރިއަކުން ފިލްމުން ފެންނާނެކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.
"އަމްރީ"ގެ ނަމުން މީރާ ނަޔަރު އުފައްދަން ނިންމާފައިވާއިރު އިންޑިއާގެ ސިނަމާއަށް މީރާ ދޭ ވަރަށް ބޮޑު ޓްރިބިއުޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީރާ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2022 ވަނަ އަހަރު އުފެއްދި ޓެލެވިޒަން ސީރީސް "ނެޝަނަލް ޓްރެޝަ: އެޖް އޮފް ހިސްޓްރީ"އެވެ.