އޯގަނައިޒޭޝަން އޮފް އިސްލާމީ ކޮފަރެންސް (އޯއަސީ)ގެ މެންބަރުކަމުން ސީރިޔާ ސަސްޕެންޑް ކުރުމަށް ދިވެހި ރާއްޖެ އިން ތާއިދު ކުރެއްވި ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ސަޢޫދީޢަރަބިޔާގެ މައްކާގައި ކުރިއަށް ދިޔަ އޯއަސީ ސަމިޓް ނިންމާލުމަށް ފަހު މިއަދު އެނބުރި މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ އޯއަސީގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މިފަހަރު ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށާއި އޭގެ ތެރޭގައި ސީރިޔާގެ މައްސަލައިގެ އިތުރުން މިޔަންމާގެ ރުހިންގުގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާއްމުތަކުގެ މައްސަލާގެ އިތުރުން އެފްރިކާގެ މާލީގައި ދިމާވެގެން އުޅޭ މައްސަލައާ ގުޅޭ ގޮތުން މަސްވަރާ ކުރެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ ސީރިޔާގެ ސަރުކާރުން އެގައުމުގެ މުސްލިމު ރައްޔިތުންނާ މެދު ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓާނުލައި ކުރިއަށް ގެންދަތީ އޯއަސީ އިން ސީރިޔާ ސަންސްޕެންޑް ކުރުމަށް ނިންމުމާ ގުޅިގެން ރާއްޖެ އިން އެކަމަށް ތާއިދުކުރެއްވި ކަމަށާއި އަދި އެހެނިހެން ގައުމުތަކުގައި މުސްލިމުންނާ މެދު ކުރަމުންދާ އަނިޔާތައް ހުއްޓުވާލައި މުސްލިމުންނާ ދޭތެރޭގައި މިހާރަށް ވުރެ ރަނގަޅަށް ކަންކަން ކުރެއްވުމަށް ބައްދަލުވުމުގައި ގޮވާލެއްވި ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖެ އިން ތާއިދުކުރީ ސީރިޔާ މިވަގުތައް ސަސްޕެންޑްކުރުމަށް. ދެން އަދި ހަމަ އެހެންމެ ސީރިޔާގެ ސަރުކާރުން އެތާގެ މުސްލިމު ރައްޔިތުންނާ މެދު ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ގޮވާލުމުގައި ދިވެހި ރާއްޖެ އިން ވެސް ބައިވެރިވި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ މުސްލިމުންގެ މެދުގައި އެކިކަންކަމާ ގުޅޭ ގޮތުން ބަހުސްކުރެއްވުމަށް ޓަކައި ރިޔާޒުގައި ސެންޓަރެއް ގާއިމުކުރައްވަން ސައުދީ ރަސްގެފާނު އަބުދުﷲ ބިން އަބުދުލް އަޒީޒު ނިންމެވި ކަމަށާއި ސެންޓަފޯ ޑައިލޮގް އިސްލާމިކް ސެންޓަރެއް ގާއިމުކުރުމަށް ސައުދީ ރަސްގެފާނު ނިންމެވި ނިންމެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކި ވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ދަތުރުފުޅުގެ ސަބަބުން އިސްލާމީ ވަރަށް ގިނަ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި އެގޮތުން ސައޫދީ ރަސްގެފާނާއި ސައުދީ ވަލީއަހުދާ ބައްދަލުކުރެއްވުމުގެ އިތުރުން ގަތަރުގެ އަމީރާއި ކުވެއިތުގެ އަމީރާއި ގަތަރުގެ ބޮޑު ވަޒީރާއި ޖޯޑަންގެ ރަސްގެފާނާއި މެލޭޝިޔާގެ ބޮޑުވަޒީރާއި ލުބުނާނުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވި ކަމަށެވެ.

މީގެ އިތުރަށް މިދިޔަ ބުދަ ދުވަހު މައްކާގައި ކުރިއަށް ދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ އެކްސްޓްރާ އޯޑިނަރީ ސެޝަންގައި އެމަނިކުފަނު ވަނީ ތަގުރީރު ވެސް ކުރައްވާފަ އެވެ.