އައްޑޫ ސިޓީ ހިތަދޫގެ ގެއަކުން މަރުވެފައި އޮއްވައި ފެނުނު ދެމަފިރިންގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވައި ފެނުނީ ކުރޭނުގެ، އިބްރާހީމް އަބްދުﷲ (60އ)އާއި ނާރެސް، ފަރަހަނާޒް ރަޝީދު (52އ) ކަމަށެވެ.

އެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުން، ތުހުމަތު ކުރެވޭ ކަމެއް ފާހަގަނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން މަރުވެފައި އޮއްވައި ފެނިގެން، އެ ދެ މީހުން ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ގެ ހުންނަނީ ހިތަދޫގެ ޓޫރިޒަމް ޒޯނުގައެވެ. އަދި އެ ގެ ހެދުމަށް ފަހު، އެ މީހުން ގެއަށް ބަދަލުވީ ގާތްގަނޑަކަށް ތިން ދުވަސް ކުރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އެ ދެ މީހުންގެ ޚަބަރެއް ނުވެގެން، މިއަދު ގެޔަށް ވަންނަން ޖެހުނީ ޓިނު ނަގައިގެން ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ދެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ.