ޓެލްއަވީވް (އޮގަސްޓް 17) : އީރާނުގެ ނިއުކްލިޔަ މަރުކަޒުތަކަށް ޙަމަލާދޭވަގުތު ގާތްވަމުންދާ ކަމަށް ވިދާޅުވެ އިސްރާއީލުގެ މަސްއޫލުވެރިން ހަރުކަށި ބަޔާންތައް ދެއްވަމުން ގެންދަވަނިކޮށް މިފަދަ ޢަމަލެއް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ އެޤައުުމުގެ ކުރީގެ ދިފާޢީ ވަޒީރު ޖެނެރަލް ޝާއޫލް މަފާޒް ވާހަކަ ދައްކަވައިފި އެވެ.

އިސްރާއީލުގެ ޓީވީގެ ޗެނެލް ދޭކަށް ރޭ ދެއްވި ބަސްދީގަތުމެއްގައި މަފާޒް ވިދާޅުވީ އިސްރާއީލުން އެކަހެރިގޮތެއްގައި އީރާނަށް ހަމަލާ ދިނުމަކީ އަލިފާންގަނޑަކަށް ތެޔޮ އެޅުންފަދަ ނުރައްކާތެރިކަމެއް ކަމަށާއި މިފަދަ ޙަމަލާއަކުން އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމް އެއްގޮތަކަށްވެސް ފުނޑުފުނޑުކޮށް ނުލެވޭނެ ކަމަށެވެ. މަފާޒް ވިދާޅުވީ އިސްރާއީލުގެ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަ ބައެއް މަރުކަޒުތައް ހަލާކުކުރެވިދާނެ ކަމަށާއި ނަމަވެސް މިކަމުގެ ސަބަބުން ކުރުމުއްދަތަކަށް އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމްގެ މަސައްކަތް ލަސްވުންފިޔަވައި އެހެން ގެއްލުމެއް އެޕްރޮގްރާމަށް ނުލިބޭނެ ކަމަށެވެ.

މަފާޒް ވިދާޅުވި ގޮތުގައި އިސްރާއީލުން އީރާނަށްދޭ މިފަދަ ޙަމަލާއެއްގެ ޙަޤީޤީ ނުރައްކަލަކީ މިފަދަ ޙަމަލާއެއް ދިނުމުން އަމިއްލަ ނަފްސުގެ ދިފާޢުގައި ފާޅުގައި ނިއުކްލިޔަ ހަތިޔާރު އުފެއްދުުމުގެ ފުރްސަތު އޮޓަމެޓިކުން އީރާނަށް ލިބިގެން ދިޔުންކަމަށާއި މިފަދަ ޙާލަތެއްގައި ފާޅުގައި ނިއުކްލިޔަ ހަތިޔާރު އުފައްދަން މަސައްކަތްކުރާކަން އީރާނުން އިޢްލާން ކުރިނަމަވެސް ބައިނަލްއަޤްވާމީ މުޖްތަމަޢުން އެކަމާދެކޮޅު ނަހަދައި އޭގެ ބަދަލުގައި އީރާނަށް ހަމްދަރްދީ ވާނެ އެވެ.

މަފާޒް އިތުރަށް ވިދާޅުވީ އިސްރާއީލުން ކުރިން ޢިރާޤުގެ ނިއުކްލިޔަ މަރުކަޒަކަށާއި ސޫރިޔާގެ މަރުކަޒަކަށް ވައިގެ ޙަމަލާތަކެއްދީގެން އެ ދެޤައުމުގެ ނިއުކްލިޔަ ޕްރޮގްރާމް ހުއްޓުމަކަށް ގެނެވުނު ނަމަވެސް އީރާނުގެ ނިއުކްލިޔަ ޙާލަތު މިއާ ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމްވަނީ ވައިގެ ޙަމަލާތަކަކުން ފުނޑުފުނޑުކޮށްލެވޭވަރަށްވުރެ ނިއުކްލިޔަ ޓެކްނޮލޮޖީގައި މާބޮޑަށް ކުރިޔަށްގޮސް ފުޅާކޮށްފައި ކަމަށެވެ.

އިސްރާއީލުގެ ނޫސްތައް ބުނާގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބު ނިމުމުގެ ކުރިން އީރާނަށް ހަމަލާދިނުމަށް އިސްރާއީލުވަނީ ރާވާފައެވެ. ނަމަވެސް އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ ވިދާޅުވީ އީރާނަށް ހަމަލާދިނުމުގެ ނިންމުމެއް އިސްރާއީލުން ނިންމާފައިވާ ކަމަށް ޤަބޫލުު ނުކުރެއްވޭ ކަމަށެވެ.

އިސްރާއީލުން އީރާނަށް ހަމަލާދީފިނަމަ އޭގެ ރައްދުގައި އިސްރާއީލުގެ ރައްތަކަށް މިސައިލާއި ރޮކެޓްގެ ވަރުގަދަ ޙަމަލާތަކެއް އަމާޒުވާނެ ކަމަށް އިސްރާއީލުގެ ހޯމް ފްރޮންޓް އާބެހޭ ވަޒީރު މާތާން ވިލްނާއި ދާދިފަހުންވަނީ ވިދާޅުވެފައެވެ. އީރާނަށް ހަމަލާދިނުމުގެ ސަބަބުން އީރާނާއެކު ކުރަންޖެހޭ ހަނގުރާމަ މަހަކަށް ނޫނީ އެއަށްވުރެ ދިގުމުއްދަތަކަށް ދެމިގެން ހިނގައިދާނެ ކަމަށާއި މިހަނގުރާމައިގާ އިސްރާއީލުންވެސް އެތަށް ސަތޭކަ ބަޔަކު މަރުވެގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށް މާތާން ވިދާޅުވެފައިވެއެވެ.

އީރާނުންބުނީ އިސްރާއީލުން ކުރަމުން ގެންދަނީ ނަފްސާނީ ހަނގުރާމައެއް ކަމަށާއި އިސްރާއީލުގެ އިންޒާރުތަކާމެދު ޑަރު ހީނުވާކަމުގައެވެ. މިފަދަ ހިކިހިއްވަރުގެ އިންޒާރުތައް އިސްރާއީލުން ދެމުންގެންދާތާ 10 ވަރަކަށް އަހަރުވެފައިވާ އިރުވެސް ޙަމަލާއެއް ދޭން އިސްރާއީލަށް ނުކުރޭކަމުގައެވެ. އަދި އިސްރާއީލަކީ ލުބްނާނުގެ ހިޒްބުﷲ ޖަމާޢަތުގެ އަތްދަށުންވެސް ބަލިވެފައިވާ އަދި ނައްތާލަންޖެހޭ ކެންސަރު ސެލް އެއްގެ ޙާލަތުގައި ފަލަސްތީނުގެ ބިިމުގައި އޮތް ޣައިރުޤާނޫނީ ގޮތުން ޤައުމެއް ކަމަށާއި އިސްރާއީލަށް މުސްތަޤްބަލެއްނެތް ކަމަށްވެސް އީރާނުން ބުނެެއެވެ. -- އަލްޖަޒީރާ