13:40


ގްރޫޕް މާރާމާރީއެއްގައި ދެ ބަފައިންނަށް އަނިޔާކޮށް އެކެއްގެ ބޯފަޅާލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހެންވޭރު މާޑު ގަރާޖު ކުރިމަތީގައި ރޭ ހިނގި މި މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެން ކުއްޖަކަށާއި އުމުރުން 47 އަހަރުގެ އޭނާގެ ބައްޕަ އަށް ކަމަށެވެ. އަދި މި މާރީމާރީގައި އެ ކުއްޖާގެ ބޯފަޅައިގެން ދިއުމުގެ ސަބަބުން އޭނާ އަށް އައިޖީއެމްއެޗުން ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.


އެ މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.


ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އުމުރުން 20 އަހަރުގެ މީހާގެ އިތުރުން އެ މާރާމާރީގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.