19:00


މަދަނީ ކޯޓުގެ ހުކުމެއް ތަންފީޒުކުރުމަށް މއ. ވައިޓްލިލީ މީހުން އެގެއިން ނުކުނަންޖެހުމުން، ވިލިމާލޭގައި ހުރި މުނިސިޕަލްޓީގެ ފްލެޓަކުން އެމީހުންނަށް ވަގުތީ ހިޔާވަހިކަންދީ، ވިލިމާލެއަށް އެމީހުން ބަދަލުކޮށްފި އެވެ.


މަދަނީ ކޯޓުން މިދިޔަ މަހު 4 ގައި ކޮށްފައިވާ ހުކުމުގައި ވަނީ ވައިޓްލިލީގައި މިހާރު ދިރިއުޅޭ މީހުން 30 ދުވަހުގެ ތެރޭގައި އެ ގެއިން ނުކުމެ، ގެ ހުސްކުރުމަށެވެ. އަދި އެކަން ތަންފީޒުކުރުމަށް ފުލުހުންނަށް ވެސް ވަނީ ކޯޓުން އަމުރުކޮށްފަ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަޔަކު އެ ގެއަށް އެންމެ ފުރަތަމަ ދިޔައީ މިދިޔަ ބުދަ ދުވަހު ހަވީރެވެ. ނަމަވެސް އެގޭ މީހުން އެ ދުވަހު ބުނަމުންދިޔައީ ކޯޓުން ކުރި ހުކުމުގައިވާ މުއްދަތު ހަމަވާނީ ހޮނިހިރަށް ކަމަށާއި އޭގެ ކުރިން ގެ ހުސްކުރާނެ ކަމަށެވެ. ނަމަވެސް، ކޯޓުގެ ހުކުމުގައިވާ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ނަމަވެސް މިއަދު ވެސް އެ ގޭގައި އެގެއިން ނުނިކުމެ ތިބުމުން ފުލުހުން މިއަދު މެންދުރުން ފެށިގެން ވަނީ އެގެއަށް ގޮސްފަ އެވެ.


ވައިޓްލިލީގައި ދިރިއުޅުނު މީހުން ސުލްހަވެރިކަމާ އެކު އެ ގެއިން ނުކުންނަން އެއްބަސަވުމުން، އެއްޗެހިތައް ނެރެގެން ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުން މާލޭ މުނިސިޕަލްޓީގެ މަސައްކަތް މީހުން، މާލޭ މުނިސިޕަލްޓީގެ ލޮރީއެއްގަ އެވެ.


މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ އެއްވެސް ބަޔަކު މަގުމައްޗަށް ނެރެ އެއްލާލުމަކީ އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ނަމަވެސް ކޯޓުގެ އަމުރެއް ވެއްޖެއްޔާ ހުރިހާ ފަރާތްތަކުން ވެސް އެ އަމުރަކަށް ތަބާވާންޖެހޭނެ ކަމަށެވެ.


އާދަމް މަނިކު އަދި ވިދާޅުވީ ވައިޓްލިލީ މީހުންނާ މެދު ވީހާވެސް އަދުލުވެރި ގޮތަކަށް ކަންތައް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާތީވެ އެމީހުނަށް ވިލިމާލޭން ތިން ކޮޓަރީގެ ފްލެޓަކުން ވަގުތީ ހިޔާވަހިކަން ދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމީހުނަށް އެތަނުގައި ދިގު މުއްދަތުގެ އެގްރީމެންޓެއް ކޮށްގެން ސަރުކާރުގެ ފްލެޓް ދޫކުރާ އުސޫލުން 3،000 ރުފިޔާ އަށްވުރެ ބޮޑު ނޫން ކުއްޔެއް ދައްކައިގެން ތިބެވޭނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.