ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ހައްދުންމަތީގެ މީހުން ދިރިއުޅޭ 11 ރަށް ކަމަށްވާ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށް ޒިޔާރަތްކުރައްވާފައިވެއެވެ.

ދަތުރުފުޅުގައި އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި، މޫސުން ތަންނުދިނުމުގެ ސަބަބުން ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތަކާއި އިފުތިތާހު ކުރެއްވުމަށް ހަމަޖެފައިވާ ބައެއް ކަންކަން ކެންސަލް ކުރަން ޖެހުނު ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެއެވެ.

ދަތުރުފުޅުގައި ރައީސް ވަނީ އެހެން ރަށްރަށަށް ވެސް ދެއްވި ފަދައިން މަޝްރުއުތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިސްދޫ އަދި ކަލައިދޫގެ ތަރައްގީއަށް ރާއްވަވާފައިވާ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭ، ނަރުދަމާގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ފުރިހަމަ ނަރުދަމާ ނިޒާމެއް ގާއިމުކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިސްދޫ އަދި ކަލައިދޫ ބޮޑުމަގު ތާރު އަޅައިގެން ތަރައްގީކުރުމުގެ، އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށާފައެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ކަލައިދޫ-ދަނބިދޫ ކޯޒްވޭ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވެސް ރަސްމީކޮށް ފައްޓަވާފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.