22 Oct 2025, 13:41
ބައެއް ބިދޭސީން މަސައްކަތްކުރަން ދިވެހިރާއްޖެ އައުމަށް ފަހު، އުޅެން ފަސޭހައަކަށް ދިވެހީންނާ ކައިވެނިކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބޭރު މީހުންނަށް އާސަންދައިގެ ޚިދުމަތް ނުލިބޭކަން ފާހަގަކޮށް އެ ކަމާ މެދު މެންބަރުން ދެކޭ ގޮތް ބަލަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ. އެ ގަރާރުގައި ވަނީ ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ބައެއް ޚިދުމަތްތައް ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގަރާރަށް ބަހުސްކުރައްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް ވިދާޅުވީ، ހެޔޮ ނިޔަތެއް އޮވެގެން މި ކަން ހައްލުކުރަން ބޭނުންވާނަމަ ބަދަލުކުރަން ބިދޭސީންނަށް ރައްޔިތުކަން ދޭގޮތް ކަމަށެވެ. އެގޮތުން، މި މައްސަލަ ހައްލުކުރަން ކުރަންޖެހޭ ކަމަކީ ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރައްޔިތުކަން ދޭގޮތް އިސްލާހުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، ބައެއް ބިދޭސީން މަސައްކަތްކޮށްލަން އަންނަ ދުވަސްތަކުގައި ފަސޭހައަކަށް ވެސް ދިވެހީންނާ ކައިވެނިކުރާ ކަމަށެވެ. އެހެންވެ، އެ މީހުންނަށް ދިވެހީންނަށް ލިބޭ ހުރިހާ ޚިދުމަތެއް ދޭންޖެހޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
"މިސާލަކަށް ޑޮކްޓަރަކު ނޫނީ ނަރުހަކު ރާއްޖެ މި އަންނަނީ. އައިސްފައި އޭނާ އަންނައިރުގައި ވެސް ހިތުގައި އޮވެދާނެ ރާއްޖޭގައި ވަޒީފާ އަދާކުރާނީ ފަސް އަހަރު ނުވަތަ ހަތް އަހަރޭ. އެ ގޮތުން އެ ދިރިއުޅުމުގެ ފަސޭހައެއް ހޯދުމަށްޓައި ވެސް ބައެއް ބޭފުޅުން އެބަ ކައިވެނިކުރޭ،" އޭނާ ވިދާޅުވިއެވެ.
ބައެއް ބިދޭސީން ޚިދުމަތްތައް ހޯދަން ދިވެހީންނާ ކައިވެނިކުރާއިރު އަނެއް ބައި މީހުން ކައިވެނިކުރަނީ ދޮވެ އިސްތިރިކުރުމާއި ކެއިންބުއިމުގެ ކަންތައްތައް ފަސޭހަކުރަން ކަމަށް ފަލާހް ވިދާޅުވިއެވެ.
އެހެންވެ، ކައިވެނިކުރާއިރަށް ދިވެހީންނަށް ލިބޭ ޚިދުމަތްތައް ބިދޭސީންނަށް ލިބެންޖެހޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
"ހަމައެކަނި ކައިވެނިކޮށްލުމަކުންނެއް ދިވެހިރާއްޖޭގެ އެހެން ރައްޔިތުންނަށް ލިބޭ އާސަންދަ އެންސްޕާގެ ޚިދުމަތް އެއްވެސް ފަރާތަކަށް ލިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަމުދާ ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ބިދޭސީންނަށް އާސަންދަ ދިނުމާ ގުޅޭ ގޮތުން ގަރާރެއް ވަނީ ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް
ކުޑޫ ހުށަހެޅުއްވި ގަރާރުގައިވާ ވިދާޅުވީ، ގާނޫނުއަސާސީއަށް ބަލާލާއިރު އިންތިޚާބުތަކުގައި ވާދަކުރުމާއި އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ފިޔަވައި ދިވެހީންނާ ދެމެދު އެއްވެސް ހައްގެއް ލިބިދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތްކަން ފާހަގަވާ ކަމަށެވެ.
ދިވެހީންގެ ތެރެއިން ގިނަ މީހުން މިހާރު ވެސް ބިދޭސީންނާ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަކަމާއި، އެ ކައިވެނިތަކަށް ދަރިން ލިބި، ބޮޑެތިވެފައިވާކަން ވެސް އެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
އެކަމަކު، އާސަންދަ ލިބެނީ ހަމައެކަނި ދިވެހީންނަށްކަން ފާހަގަކުރައްވައި ކުޑޫގެ ގަރާރުގައި ބުނީ، ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ރައްޔިތުން ކަމަށް މާނަކުރަނީ ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު ދިވެހި ރައްޔިތެއްކަމުގައިވާ ކޮންމެ މީހަކާއި ދިވެހި ރައްޔިތަކަށް އުފަން ކޮންމެ ދަރިއަކާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރައްޔިތަކަށް ވެއްޖެ ކޮންމެ ބިދޭސިއެއް ކަމަށެވެ.