ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ފަސް ވަނަ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓާފައި، ޕޯޓްސް ކުންފުނި އެމްޕީއެލްގެ ހަވާލުގައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މި މަހު ނުވައެއްގައެވެ.

އެ މައްސަލައާ ގުޅިގެން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން މިދިޔަ އާދިއްތަ ދުވަހު ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ މައްސަލައިގައި މިހާރު ހައްޔަރުކޮށްފައި ތިބި ހަތަރު މީހުންގެ އިތުރުން އިތުރު މީހަކު ވެސް ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ، ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ) ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ހަތަރު މީހުން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭގައެވެ. އެއީ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އާއި ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލެެވެ.

އޭގެ ތެރެއިން އާއްޓޭއާއި ދިގަލިއަށް ވަނީ، ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތުކޮށްފައެވެ. އަދި މުއާޒާއި ޒިވާރަށް ވަނީ، އަމަލީ ގޮތުން ރާވައި ހިންގިކަމަށް ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި، މިދިޔަ ބުދަ ދުވަހު އާރިފާއި ޒިވާރަށް 15 ދުވަހުގެ މުއްދަތު ޖެހިއިރު ދިގަލި ވަހީދަށް ވަނީ 10 ދުވަސް ޖަހައިފައެވެ. އަދި މުއާޒަށް ފުރަތަމަ ފަސް ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވުމުން ވަނީ 10 ދުވަސް ޖަހައިފައެވެ.