18 Aug 2012, 10:20
ސިޑްނީ (އޮގަސްޓް 17): އެމެރިކާ އިން 2003 ވަނަ އަހަރު ޢިރާޤާ ދެކޮޅަށް ކުރި ހަނގުރާމައިގާ އޮސްޓްރޭލިޔާ ބައިވެރިވި މައްސަލަ ބަލައި ތަޙްޤީޤް ކުރުމަށް އޮސްޓްރޭލިޔާގެ ސިޔާސީ ބައެއް ފަރާތްތަކާއި ކުރީގެ ދިފާޢީ ބައެއް މަސްއޫލުވެރިން ގޮވާލައްވައިފި އެވެ.
އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ މަލްކޮމް ފްރޭޒަރ އާއި ކުރީގެ ދިފާޢީ ވަޒީރު ޕޯލް ބާރާތް އާއި ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ޕީޓާ ގްރޭޝަން އެ ޤައުމުގެ ސަރުކާރަށް ގޮވާލެއްވީ އެމެރިކާ އިން ޢިރާޤާ ދެކޮޅަށް ކުރި ހަނގުރާމައިގާ އޮސްޓްރޭލިޔާ ބައިވެރިވި މައްސަލަ ބަލައި ތަޙްޤީޤް ކުރުމަށެވެ. މިކަމުގައި މިބޭފުޅުން ނަމުނާ އަކަށް ނަންގަވާފައި ވަނީ ޢިރާޤާ ދެކޮޅަށް އެމެރިކާ ކުރި ޣައިރު ޤާނޫނީ ޢުދުވާނީ ހަނގުރާމައިގާ އިނގިރޭސިވިލާތް ބައިވެރި ކުރުމަށް އިނގިރޭސި އޭރުގެ ހަރުކަށި ބޮޑުވަޒީރު ޓޯނީ ބްލެއާ ނިންމެވި ނިންމެވުން އެޤައުމުން ބަލައި ދާދިފަހުން ކުރި ތަޙްޤީޤަށެވެ.
އިނގިރޭސިވިލާތުން މިކަން ތަޙްޤީޤް ކުރިގޮތަށް އޮސްޓްރޭލިޔާގައި ވެސް މިކަން ތަޙްޤީޤް ކުރުމުގެ ބޭނުމަކީ ހަނގުރާމައިގާ ބައިވެރިވުމުގައި އޮސްްޓްރޭލިޔާގެ އޭރުގެ ސަރުކާރަށް ހެދުނު ގޯސްތައް ދަނެގަނެ އަދި މިކަމުގެ ސަބަބުން އޮސްޓްރޭލިޔާ އަށް ލިބުނު ގެއްލުންތަކާއި ލިބުނު ފިލާވަޅާއި ތަޖްރިބާތައް ދެނެގަތުން ކަމަށް ކުރީގެ ބޮޑުވަޒީރު މަލްކޮމް ފްރޭޒަރ ވިދާޅުވި އެވެ.
ބައިނަލްއަޤްވާމީ މުޖްތަމަޢަށާއި އދ. އަށް ގޮންޖެހުމަށް ފަހު 2003 ވަނަ އަހަރު އެމެރިކާ އިން ޢިރާޤާ ދެކޮޅަށް ހަނގުރާމަފެށީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތައް މުގުރުމަށް ފަހު ޖަންގަލީގެ އުސޫލުންނެވެ. ޢިރާޤާ ދެކޮޅަށް ހަނގުރާމަ ފެށުމަށް މަގުފަހިކުރުމުގެ ގޮތުން އެމެރިކާ ބޭނުންކުރި އެންމެ ވަރުފަދަ ވަސީލަތަކީ ކަނޑައެޅިގެން ދޮގުހެދުމެވެ.
އިރާޤުގައި ފަނާކުރަނިވި ހަތޔާރު ހުރިކަމަށްބުނެ އެމެރިކާގެ ރައީސާއި ޖާސޫސީ މަސްއޫލުވެރިން ހެއްދެވި ބުހުތާން ދޮގުތަކެވެ. މިދޮގުތައް ބޭޒާރުވުމާ ގުޅިގެން އެމެރިކާގެ އިތުބާރު ދުނިޔޭގައި ވަނީ ވަރަށް ބޮޑަށް ގެއްލިގެން ގޮސްފަ އެވެ. އދ. ގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން މިހަނގުރާމަ ސިފަކުރައްވާފައި ވަނީ ޣައިރު ޤާނޫނީ ހަނގުރާމައެއްގެ ގޮތުގަ އެވެ.
މިހަނގުރާމައިގާ އެމެރިކާ އިން ޢިރާޤުގެ އެތައް ލައްކަ ބަޔަކު މަރާފައިވާއިރު މުޅި އިރާޤުވަނީ ފުނޑުފުނޑުކޮށް ސުންނާފަތި ކޮށްލާފައެވެ. ކޮންމެވެސް ދުވަހަކުން މިކަމުގެ ބަދަލު ހޯދުމަށް ޢިރާޤުގެ ރައްޔިތުން އެމެރިކާގެ ކިބައިން އެދޭނެކަމަށް ތަޖްރިބާކާރުން ލަފާކުރައްވައެވެ. ޢިރާޤު ހަނގުރާމައިގާ އޮސްޓްރޭލިޔާއިން ދެހާސް ސިފައިން ބައިވެރިކޮށްފައިވެއެވެ. (ދަ ގާޑިޔަން)