ވަގަށް އެތެރެކުރަނިކޮށް ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓާފައި، ޕޯޓްސް ކުންފުނި އެމްޕީއެލްގެ ހަވާލުގައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފެންމަތިވީ މި މަހެވެ. ދެ ކޮންޓެއިނަރުގައި ހުރި ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން މިދިޔަ އާދިއްތަ ދުވަހު ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ވައްކަމަށް ފަންޑްކުރުމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައި ތިބި ހަތަރު މީހުންގެ އިތުރުން އިތުރު މީހަކު ވެސް ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ، 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެ މީހާއާ ގުޅޭ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި، މި މައްސަަލައާއި މި މީހާއާ އޮތް ގުޅުމެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކުރީ މި މަހެވެ. އެއީ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އާއި ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލެެވެ.

އެ މައްސަލައިގައި އާއްޓޭގެ ބަންދަށް 15 ދުވަސް ޖެހިއިރު، ދިގަލިގެ ބަންދަށް ޖެހީ 10 ދުވަހެވެ. އަދި، ޒިވާރުގެ ބަންދަށް 10 ދުވަސް ޖެހިއިރު، މުއާޒްގެ ބަންދަށް ފުރަތަމަ ޖެހި ފަސް ދުވަސް ހަމަވެގެން ހޯމަ ދުވަހު ކޯޓުން ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ.

އެ ސިނގިރޭޓުތައް ހުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ކަމަށްވާއިރު، އެ ކުންފުނިން ވަނީ އެތެރޭގެ ތަހުުގީގެއް ފަށައި، ލިބުނު މައުލޫމާތާ ގުޅިގެން ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައެވެ. ކަސްޓަމްސްއިން ވެސް ވަނީ އެ މައްސަލައިގައި އެ ޚިދުމަތުގެ މުވައްޒަފަކު ޝާމިލުވާކަން ހާމަވެއްޖެ ނަމަ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.