22 Oct 2025, 09:01
ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)އިން މި އަހަރު ގެނެސްދިން ފިލްމު "ވޯ 2"އަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ވައިއާރްއެފްގެ އިތުރު ފިލްމެއް ޑައިރެކްޓް ނުކުރަން އަޔާން މުކަރުޖީ ނިންމައިފިއެވެ.
ފިލްމު "ވޯ 2"އަކީ އަޔާން ވައިއާރްއެފްއަށް ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ. އެ ފިލްމުގެ އިތުރުން ވައިއާރްއެފްގެ މަގުބޫލު ފްރެންޗައިސް "ދޫމް"ގެ ހަތަރު ވަނަ ފިލްމު ވެސް ޑައިރެކްޓް ކުރުމަށް ހަވާލުކުރީ އަޔާންއާއެވެ.
ނަމަވެސް، ފިލްމީ ޚަބަރުތައް ބުނާގޮތުން އަޔާން ވަނީ ފިލްމު "ދޫމް 4" ޑައިރެކްޓް ކުރުމާމެދު ކުރެވުނު މަޝްވަރާތަކަށް ނިމުން ގެނެސް، އެ ފިލްމު ޑައިރެކްޓް ނުކުރާނެކަން ނިންމާ އެކަން ފިލްމުގެ ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާއަށް ވެސް އަންގާފައެވެ.

އަޔާން ބަތަލާ ކިއާރާއާ އެކު ފިލްމު "ވޯ 2"ގެ ޝޫޓިންގްތެރޭގައި--ފޮޓޯ/ޕިންކްވިލާ
ވައިއާރްއެފްއާ ގުޅުންހުރި ފަރާތަކުން މީޑިއާގައި ބުނެފައިވަނީ ފިލްމު "ވޯ 2"އަދި "ދޫމް 4" ފަދަ ފިލްމުތަކަކީ އަޔާންއަށް ޑައިރެކްޓް ކުރެވިދާނެ ކަހަލަ ފިލްމުތައް ކަމަށް ޚުދު އަޔާން ވެސް ގަބޫލުނުކުރާ ކަމަށެވެ.
އެހެންވެ، އެ ޖޯންރާގެ ފިލްމުތަކާ ދުރަށް ގޮސް އަޔާން ބޭނުން ވަނީ ލޯބީގެ ފިލްމުތައް ޑައިރެކްޓް ކުރުމަށް އިސްކަންދީ އެފަދަ ވާހަކަތައް އޯޑިއަންސަށް ގެނެސްދިނުމަށް ކަމަށް އެ މީހާއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އަޔާން ފިލްމު "ދޫމް 4" ޑައިރެކްޓް ކުރުމުގެ ޒިންމާ ދޫކޮށްލީ އެއްވެސް ކަހަލަ މައްސަލައެއް ޖެހިގެން ނޫން ކަމަށާއި އެހެންވެ އެކަމާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް މީޑިއާތަކުން ނުފެތުރުމަށް ވެސް ވައިއާރްއެފްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ދޫމް 4"ގެ ލީޑް ރޯލްއިން އެކްޓަރު ރަންބީރު ކަޕޫރު ފެންނާނެއިރު ފިލްމު ދޫކޮށްލުމުގެ ކުރިން އަޔާން ވަނީ ރަންބީރާ އެކު ވެސް އެކަމާ ގުޅޭ މަޝްވަރާތައްކޮށް ނިންމާފައެވެ.
ފިލްމު "ވޭކް އަޕް ސިދް"، "ޔޭ ޖަވާނީ ޖެ ދިވާނީ" އަދި "ބްރައްމަސްތުރާ" ފަދަ ފިލްމުތައް ގެނެސްދިން ޒުވާން ޑައިރެކްޓަރު ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ 2022 ވަނަ އަހަރު ގެނެސްދިން ފިލްމު "ބްރައްމަސްތުރާ"ގެ ދެވަނަ ބައި ނިންމުމުގެ މަސައްކަތެވެ. މި ފިލްމުގެ ޝޫޓިން އަންނަ އަހަރުތެރޭ ފަށަން ތާވަލު ކުރެވިފައިވާއިރު ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.