ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަން ޖެހޭ 2.3 ބިލިއަން ރުފިޔާ ދައްކައި، އަމިއްލަ ކުންފުނިތަކަށް ގިނަ މަޝްރޫއުތަކެއް ވެސް ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިމަހު ދެވަނަ ދުވަހު އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި، ޚަލާސްކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެ މުއްދަތު ނިމެން ކައިރިވެފައިވާއިރު، ސަރުކާރުން ވިޔަފާރިތަކަށް ފައިސާ ދައްކަނީ ފައިސާ ޗާޕުކޮށްގެން ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. އެ ތުހުމަތުތައް ފެންމަތިވީ، ޕެންޝަން އޮފީހުގެ ބޯޑުން، މަރުކަޒީ ބޭންކް އެމްއެމްއޭއާއެކު ފައިސާގެ މުއާމަލާތެއް ކުރަން މިދިޔަ ހަފުތާގައި ފާސްކުރުމާ ގުޅިގެންނެވެ.

ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށް ކުރާ މުއާމަލާތުން ލިބޭ ފައިސާ ބޭނުންކުރާނީ ބިލުތައް ދައްކަން ކަމަށް، ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން މީޑިއާއެއްގައިވެއެވެ.

އެ ފައިސާގެ މުއާމަލާތާ ގުޅޭ މައުލޫމާތު ސަރުކާރުން ރަސްމީކޮށް ހިއްސާކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ރައީސް ތަކުރާރުކޮށް ގެންދަވަނީ، އެ މަނިކުފާނު މީގެ ކުރިން ވައުދުވެވަޑައިގެންފައިވާ ގޮތަށް، ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

މިރޭ ވެސް ރައީސް ވަނީ އެ ވާހަކަ ތަކުރާރުކުރައްވައިފައެވެ.

ރައީސް ޑރ. މުއިއްޒާއި، ފޮރިން މިނިސްޓަރު ޚަލީލާއި، ފިނޭންސް މިނިސްޓަރު ޒަމީރު: ރައީސް ވަނީ ފައިސާ ޗާޕުނުކޮށް، ބިލްތައް ފައިސާ ދައްކާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: ރައީސް އޮފީސް

ލ. ގަމަށް ވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ އިގުތިސާދު ހަރުދަނާކޮށް، ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދިނުމަށް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް، ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ގޮސް ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ފައިސާ ދައްކައި ނިމޭނެ ކަމަށެވެ.

"އޭރުންވެސް ހަމަ ދިވެހި އެތައް ރައްޔިތުންނެއްގެ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކުން ކުރި މަސައްކަތަށް ފައިސާ ލިބުނީމަ އެތައް ރައްޔިތުންނެއް މުއްސަނދިވެގެންދާނެ... އެއީ ގާތްގަނޑަކަށް 2،300 މިލިއަން ރުފިޔާ، 2.3 ބިލިއަން ރުފިޔާ ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ކުރިއަށްއޮތް 10 ވަރަކަށް ދުވަސް ތެރޭ އެބަ ދީ ނިންމަން،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު މި މުއްދަތުގައި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އެތައް ކުންފުންޏަކަށް ސަރުކާރުގެ އެތައް މަޝްރޫއެއް ހަވާލުކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާޕޯޓު ހިންގާ ކުންފުންޏަށް ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން ހަވާލުކުރުން: މި ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް ގިނަ މަޝްރޫއުތައް ހަވާލުކުރާތީ ފާޑުކިޔުން ވަނީ އަމާޒުވެފައި ---- ފޮޓޯ/ އެމްއޭސީއެލް

އޭގެ ސަބަބުން ވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނަށް ތަނަވަސްކަން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިގުތިސާދު ފުޅާވެގެން އެބަދޭ، އިގުތިސާދު ކުރިއަރައިގެން އެބަދޭ، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގެ ތިން ވަނަ ނޫނީ ދެވަނަ އިންޑަސްޓްރީ، ބައެއް ފަހަރު ދެވަނަ ބައެއް ފަހަރު ތިންވަނަ، އެހެންވީމަ އަޅުގަނޑުމެން ބޭނުން ދެވަނައަށް ގެންދަން، ނޫނީ ވިހާވެސް މައްޗަކަށް ގެންދަން މަސައްކަތްކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރީގެ ސިޔާސަތުތައް އޮތް ގޮތުން އިމާރާތް ކުރުމުގެ ސިނާއަތް އޮތީ 'އަނދަވަޅަކަށް ވެއްޓިފައި' ކަމަށެވެ. މި ސަރުކާރުން ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ސަރުކާރުގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރަނީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ސްކޫލުތަކާއި ހެލްތު ސެންޓަރުތަކާއި ކުޅިވަރު އިމާރާތްކުރުމާއި މިސްކިތްތަކާއި މިހެން ގޮސް އެތައް ތަނެއް އެޅުމުގެ މަސައްކަތް އެބަ ހަވާލުކުރަން، އަޅުގަނޑުމެން މަސައްކަތްކުރުވަނީ ހަމައެކަނި ސަރުކާރުގެ އެސްއޯއީތައް ލައްވައެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން މަސައްކަތްތައް ހަވާލުކުރަނީ އޭރަކު ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތަކަށް ކަމަށެވެ.

ރައީސް އެހެން ވިދާޅުވިއިރު، އެ މަނިކުފާނު ރަށްރަށަށް ވަޑައިގެން ހަވާލުކުރައްވާ ގިނަ މަޝްރޫއުތައް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރާތީ، އަމިއްލަ ކުންފުނިތަކަށް މަސައްކަތް ނުލިބޭ ކަމުގެ ކަންބޮޑުވުން އޮތީ އިތުރުވެފައެވެ. އަދި ބައެއް ކުންފުނިތައް އުފައްދާފައިވާ މަގުސަދުން ބޭރުން ވެސް މަސައްކަތްތައް ހަވާލުކުރާތީ އެކަމަށް ފާޑުކިޔުން ވެސް އޮތީ އަމާޒުވެފައެވެ.

މި ސަރުކާރުން ދައުލަތުގެ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރަން ފެށީ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އެގޮތުން ދައުލަތުގެ ޚަރަދު ކުޑަ ކުރުން މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއާއި ޕެންޝަނަށް އިސްލާހު ގެންނަން އޮތް ނަމަވެސް، ރައީސް ފަހުން ނިންމެވީ މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށްގެން ޚަރަދުތައް ކުޑަކުރުމަށެވެ.

ސަރުކާރުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މަޝްރޫއުތަކަށް ޚާއްސަކޮށްފައިވާ ކެޕިޓަލް އެކްސްޕެންޑިޗާއަށް 12.6 ބިލިއަން ބަޖެޓު ކުރި ނަމަވެސް، ބޭނުންކޮށްފައިވަނީ އެންމެ 3.5 ބިލިއަން ރުފިޔާއެވެ.