ނިޔުޔޯކް (އޮގަސްޓް 17): ސޫރިޔާގައި ސުލްޙަ ބަލަހައްޓާ އދ.ގެ އޮބްޒާވަރުންގެ މަސައްކަތް ނިމުމަކަށް ގެނައުމަށް އދ. އިން ނިންމައިފި އެވެ.

ސޫރިޔާގައި ޙަރަކާތްތެރިވާ އދ.ގެ އޮބްޒާވަރުންގެ މުއްދަތު އަންނަ އާދީއްތަ ދުވަހު ހަމަވާތީ މިކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް ރޭ ސަލާމަތީ މަޖިލީހުން ބޭއްވި ބަންދު ޖަލްސާގައި އޮބްޒާވަރުންގެ މުއްދަތު އިތުރުކުރުމަށް ނިންމާފައެއް ނުވާމަށް އެ މަޖިލީހުގެ މިދައުރުގެ ރައީސް ގިރާރު އާރޯ ވިދާޅުވި އެވެ. ނަމަވެސް ސޫރިޔާގެ ޙާލަތު އޮބްޒާވް ކުރުމަށް ޓަކައި އދ.ގެ އޮފީހެއް ދިޝްޤުގައި ހިންގުމަށް މަޖިލީހުގެ ޖަލްސާ އިން ނިންމި އެވެ.

މިނިންމުމާ އެއްގޮތަށް މިއަދުގެ ވަގުތެއްގައި އދ.ގެ އޮބްޒާވަރުން ސޫރިޔާ އިން ފުރައިގެންދާނެ ކަމަށް އދ.ގެ ކަމާ ބެހޭޭ ދާއިރާތަކުން ހާމަކުރެ އެވެ. ސޫރިޔާގައި ސުލްޙަ ބަލަހައްޓާ އދ.ގެ އޮބްޒާވަރުންގެ މަސައްކަތުގެ މުއްދަތު އަލުން އިތުރުކުރެވޭގޮތް ނުވީ ސޫރިޔާގެ މައްސަލާގައި ސަލާމަތީ މަޖިލިސް ބައިބައިވެފައި ވާތީ ކަމަށް ޚަބަރު ލިބެ އެވެ.
އޮބްޒާވަރުންގެ މަސައްކަތާބެހޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އޮބްޒާވަރުންގެ މުއްދަތު އިތުރުކުރުމަށް ދެ ޝަރުތެއް ފުރިހަމަކުރަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ. މިދެޝަރުތަކީ ސޫރިޔާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ބަރުހަތިޔާރު ބޭނުންނުކުރުމާއި ހަމަނުޖެހުންތައް މައިތިރިވުމެވެ.

މި ދެ ޝަރުތު ފުރިހަމަވެފައިނުވާތީ އާއި މުޅި ސޫރިޔާ ލޭއޮހޮރުވުން ބޮޑު އަހްލީ ހަނގުރާމައަކަށް ވެއްޓެމުންދާކަން ފާހަގަކުރައްވަމުން މިފަދަ ޙާލަތެއްގައި އޮބްޒާވަރުންގެ މަސައްކަތް ކުރިޔަށް ގެންދިޔުން ދަތިވެފައިވާ ކަމަށް ބާންކީ މޫން ވިދާޅުވި އެވެ. ސަލާމަތީ މަޖިލީހުގެ ބަންދު ޖަލްސާގައި އެމަޖިލީހުގެ ރައީސް ގިރާރު އާރޯ ވެސް މިކަން ފާހަގަ ކުރެއްވި އެވެ.

އދ.ގެ އޮބްޒާވަރުންގެ މަސައްކަތް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ނިންމުމުން ރަޝިޔާއި ޗައިނާ އާއި އެހެން ބައެއް ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޗައިނާ ވަނީ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރުމަށް ސޫރިޔާ ސަރުކާރަށް ގޮވާލާފަ އެވެ. (އަލްޖަޒީރާ)