18 Aug 2012, 09:03
ނ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ފުށިވެލާފަރު ރިސޯޓަށް މުދާ ހިފައިގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައި އެ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ބިދޭސީ އަކު މަރުވެއްޖެ ބައެއް މަސްދަރުތަކުން ބުނެފި އެވެ.
ނަމަވެސް ފުލުހުން ވެސް އަދި އެމްއެންޑީއެފަކުން ވެސް އެ ބިދޭސީ މީހާގެ މަރު އަދި ކަށަވަރެއް ނުކޮށްދެ އެވެ.
އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 5:45 އެހާކަންހާއިރު ކަމަށާއި އެ ހާދިސާގައި ބަންޑުން ޖަހާލައިފައި ވަނީ މާލެ އިން މުދާ ބަރުކޮށްގެން އެ ރިސޯޓަށް ދިޔަ "ގޭޓްވޭ ޕްރީސްޓީޖާ" ނަމަކަށް ކިޔާ ދޯންޏަކުން ކުޑަ ދޯންޏަކަށް މުދާ ބަދަލު ކުރަނިކޮށް އެ ކުޑަ ދޯނި ކަމަށެވެ.
"މަސް ރިނދެލި" ކިޔާ އެ ކުޑަ ދޯނި އަޑިއަށް ދިޔައީ މުދާ ބަރުކޮށް އެ ރިސޯޓަށް ބޭލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ވައިގަދަވެ އައި ކޮޅިގަނޑެއްގައި ޖެހިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަދި ބުނީ އެ ވަގުތު އެ ދޯނީގައި ދެ ބިދޭސީންނާއި ދިވެއްސަކު ހުރި ކަމަށާއި އެ ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ފެނިފައި ވަނީ 50 މީޓަރު ކަނޑު އަޑިން ކަމަށާއި މިހާރު އޭނާ ފުލުހުނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭނޭ ފެނުނުއިރު ވެސް އޮތީ މަރުވެފަ އެވެ. އަދި އޭނާ ފެނިފައި ވަނީ މިއަދު ހެނދުނު 9:30 ކަންހާއިރު އެވެ. އަދި އަނެއް ދެ މީހުން ވަނީ އެ ރަށު އެހެން ދޯންޏަކުން ސަލާމަތްކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު އޭނާ ނ. ހޮޅުދު އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.