17 Aug 2012, 19:18
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފިތުރު އީދު ދުވަހަކަށް ވާނީ މި ހިނގާ އޯގަސްޓު މަހުގެ 19 ވާ އާދީއްތަ ދުވަހެވެ. ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައިވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް ފިތުރު އީދު ނުވަތަ ޝައްވާލު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ އޯގަސްޓު މަހުގެ 19 ވާ އާދީއްތަ ދުވަހެވެ.
ދިވެހިރާއްޖެ އާއި އަދިވެސް ގިނަ އިސްލާމީ ގައުމުތަކުގައި ހަނދު މަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުރެ، ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކޮށް އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހަމަ އެހެންމެ އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ހަނދު ނުފެންނާނެކަމަށް ދައްކާ ނަމަ ވެސް އޮތީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަ ކުރުމެވެ.
މިއަދަކީ 1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައެއް ނުހުންނާނެއެވެ. އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ނެތުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު ނެތުން ކަމަށް ބެލެވޭތީ، މި އުސޫލުން ބަލާއިރު، މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
ފަލަކީ ހިސާބުތަކަށް ބަލާއިރު، މިއަދު ހއ. ތުރާކުނަށް އިރު އޮއްސޭނީ 18:24 ގައެވެ. ހަނދު އޮއްސޭނީ އޭގެ 20 މިނެޓް ކުރިން 18:04 ގައެވެ. ހއ. ކެލާއަށް އިރު އޮއްސޭނީ 18:23 ގައެވެ. ހަނދު އޮއްސޭނީ އޭގެ 20 މިނެޓް ކުރިން 18:03 ގައެވެ. ހދ. ހަނިމާދޫއަށް އިރު އޮއްސޭނީ 18:21 ގައެވެ. ހަނދު އޮއްސޭނީ އޭގެ 18 މިނެޓް ކުރިން 18:03 ގައެވެ. ހދ. މަކުނުދޫއަށް އިރު އޮއްސޭނީ 18:24 ގައެވެ. ހަނދު އޮއްސޭނީ އޭގެ 20 މިނެޓް ކުރިން 18:04 ގައެވެ. މާލެއަށް އިރު އޮއްސޭނީ 18:19 ގައެވެ. ހަނދު އޮއްސޭނީ އޭގެ 19 މިނެޓް ކުރިން 18:00 ގައެވެ. ލ. ކައްދޫއަށް އިރު އޮއްސޭނީ 18:15 ގައެވެ. ހަނދު އޮއްސޭނީ އޭގެ 17 މިނެޓް ކުރިން 17:58 ގައެވެ. ގދ. ކާޑެއްދޫއަށް އިރު އޮއްސޭނީ 18:16 ގައެވެ. ހަނދު އޮއްސޭނީ އޭގެ 17 މިނެޓް ކުރިން 17:59 ގައެވެ. ސ. ގަމަށް އިރު އޮއްސޭނީ 18:14 ގައެވެ. ހަނދު އޮއްސޭނީ އޭގެ 16 މިނެޓް ކުރިން 17:58 ގައެވެ.
އިސްލާމީ ޤައުމުތަކުގެ ވެރިކަން ކުރާ ޝަހަރުތަކަށް ބަލާއިރު، އިންޑޮނޭޝިޔާއަށް އިރުއޮއްސޭނީ 17:55 ގައެވެ. އޭގެ 20 މިނެޓް ކުރިން 17:35 ގައި ހަނދު އޮއްސޭނެއެވެ. ތުރުކީއަށް އިރުއޮއްސޭނީ 18:42 ގައެވެ. އޭގެ 28 މިނެޓް ކުރިން 18:14 ގައި ހަނދު އޮއްސޭނެއެވެ. މިޞްރަށް އިރުއޮއްސޭނީ 18:35 ގައެވެ. އޭގެ 23 މިނެޓް ކުރިން 18:12 ގައި ހަނދު އޮއްސޭނެއެވެ. މޮރޮކޯއަށް އިރުއޮއްސޭނީ 19:12 ގައެވެ. އޭގެ 21 މިނެޓް ކުރިން 18:51 ގައި ހަނދު އޮއްސޭނެއެވެ. ޕާކިސްތާނުގެ މުހިންމު ޝަހަރެއް ކަމުގައިވާ ކަރާޗީއަށް އިރުއޮއްސޭނީ 19:05 ގައެވެ. އޭގެ 24 މިނެޓް ކުރިން 18:41 ގައި ހަނދު އޮއްސޭނެއެވެ.
މިރޭ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެކަން ޢިލްމީ ގޮތުން ކަށަވަރުވާތީ އާއި އިރުއޮއްސޭއިރު ފެންމަތީގައި ހަނދު ނުހުންނާނެތީ އިސްލާމީ އެއްވެސް ޤައުމަކުން މިރޭ ހަނދުބެލުމުގެ ބޭނުމެއް ނެތްކަމަށް އިސްލާމީ ބައެއް ފިގުހުވެރީންނާއި އިސްލާމީ ފަލަކީ ޢިލްމުވެރީން ވިދާޅުވެއެވެ.
2010 ވަނަ އަހަރު އަބޫދާބީގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ ދީނީ ޢިލްމުވެރީންނާއި ފަލަކީ ޢިލްމުވެރީންގެ ބައްދަލުވުމުން ވެސް ނިންމާފައިވަނީ "ހަނދުމަހެއްގެ ނަވާވީސްވާ ދުވަހުގެރޭގެ އިރުއޮއްސުމުގެ ކުރިން ހަނދުއޮއްސޭނެކަން ފަލަކީ ހިސާބުތަކުން ދައްކާނަމަ ހަނދު ބެލުމުގެ ބޭނުމެއް ނެތް" ކަމުގައެވެ. އެހެން ނަމަވެސް ފަލަކީ ހިސާބުތައް އެއްފަރާތް ކުރުމަށްފަހު ހަމައެކަނި ހަމަލޮލުން ހަނދު ސާބިތު ކުރުމަށް އިސްލާމީ ބައެއް ޤައުމުތަކުގެ ޢިލްމުވެރީން ބާރުއަޅުއްވައެވެ. ބަންގާޅާއި ޕާކިސްތާނު ފަދަ އިސްލާމީ ބައެއް ޤައުމުތަކަކީ މިގޮތުން ހަމަލޮލުން ހަނދު ސާބިތުކުރާ ޤައުމުތަކެކެވެ.
ހަމަލޮލަށް ހަނދު ފެނުން ބިނާވެފައިވަނީ އިރުއޮއްސޭ ވަގުތު ހަނދު ފެންމަތީގައި ހުރުމާއެކު، ހަނދު ހުންނަ އުސްމިނަށާއި އިރާއި ހަނދާ ދެމެދުގައިވާ ދުރުމިނަށާއި އުޑުމަތި ސާފުވުންފަދަ ބައެއް ސަބަބުތަކުގެ މައްޗަށެވެ. އެހެން ކަމުން ހަގީގަތުގައި ހަނދު ފެންނާން ހުންނާނެ ދުވަހެއްގައި ވެސް އުޑުމަތި ބަނަވުމުގެ ސަބަބުން ހަނދު ނުފެނިދާނެއެވެ. މިސަބަބުތަކާ ހުރެ ހަމަ ލޮލުން ހަނދު ބެލުމަށްވުރެ ޔަގީންކަން ބޮޑީ ފަލަކީ ހިސާބުތައް ކަމަށް ގިނަ ޢިލްމުވެރީން ވިދާޅުވެއެވެ. ކޭތަ ނަމާދު ފަދަ އަޅުކަންތަކުގެ ވަގުތު ވެސް ކަނޑައަޅައި، ކޭތަ ހިފުމުގެ އެތައް ދުވަހެއް ކުރިން ބަލައި ކަށަވަރު ކުރަނީ ފަލަކީ ހިސާބުން ބަލައިގެން ކަމަށް ވާއިރު، ހަނދުގެ މައްސަލައިގައި ވެސް ފަލަކީ ހިސާބަށް ބުރަވުމަށް ވަރަށް ގިނަ ޢިލްމުވެރީން އިރުޝާދު ދެއްވައެވެ.
މުސްލިމުންގެ ޙަރަމްފުޅުތައް އެ ބިމެއްގައި ހުރި ސަޢުދީ ޢަރަބިއްޔާގައި ވެސް ހަނދު ބެލުމުގައި ބޮޑަށް އިސްކަން ދެނީ ހަމަ ލޮލުން ފެނުމަށެވެ. އެހެން ނަމަވެސް ހަމަ ލޮލަށް ހަނދު ނުފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ނަމަ ހަނދު ބަލާން ދިއުމެއް ސަޢުދީ ޢަރަބިއްޔާގައި ނޯވެއެވެ. ހަމަ ލޮލުން ހަނދު ބެލުމުގެ އިތުރުން ފަލަކީ ހިސާބުތަކުން ހަނދު ސާބިތު ކުރުމުގެ އުސޫލެއް ވެސް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅައިފައި ވެއެވެ. މި ގޮތުން އެ ޤައުމުގައި އަމަލު ކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރީން އިޤްތިރާން ވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ. ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވާނީ (ނުވަތަ އިޤްތިރާންވާނީ)، އޯގަސްޓް 17 ވާ ހުކުރު ދުވަހު (މިއަދު) ރާއްޖޭ ގަޑިން އިރުއޮއްސި 20:24 ގައެވެ. މައްކާ ގަޑިން މިއަދު އިރުއޮއްސި 18:54 ގައެވެ. މައްކާއަށް އިރު އޮއްސޭނީ މައްކާ ގަޑިން 18:50 ގައެވެ. އިރު އޮއްސުމުގެ 20 މިނެޓު ކުރިން، 18:30 ގައި ހަނދު އޮއްސޭނެއެވެ. މާރަހަވަނީ ވެސް މައްކާއަށް އިރު އޮއްސޭ ފަހުން ކަމަށް ވެފައި، އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސޭތީ، ސަޢުދީ ޢަރަބިއްޔާގައި ހަނދު މަސް ފެށުމުގައި ޢަމަލު ކުރާ އުސޫލުން ބަލާއިރު، މާދަމާ (18 އޯގަސްޓް 2012 ވާ ހޮނިހިރު ދުވަސް) އަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވުމުގެ ފުރުސަތެއް ނެތެވެ.
އިސްލާމީ ގިނަ ޤައުމުތަކުގައި ހަނދު މަސް ފެށުމުގައި ޢަމަލުކުރާ އުސޫލުން ބަލާއިރު، މާދަމާ، 18 އޯގަސްޓް 2012 ވާ ހޮނިހިރު ދުވަހަކީ 1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. އެހެންކަމުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކަށް ވާނީ 19 އޯގަސްޓް 2012 ވާ އާދީއްތަ ދުވަހެވެ.