21 Oct 2025, 09:38
ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރު ރަންވީރު ސިންގް އަދި މި ފަހަކަށް އައިސް ބޮޑު މަޝްހޫރުކަމެއް އަލުން ހޯދަމުން އަންނަ ބޮބީ ޑިއޯލްގެ ފިލްމުގެ އާ ޕޯސްޓަރުތަކެއް ދައްކާލައިފިއެވެ.
ސައުތު ބަތަލާ ސްރީލީލާއާ އެކު މި ދެ އެކްޓަރުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާ ފިލްމަކީ ވަރަށް ބިޔަ ޕްރޮޖެކްޓެކެވެ. ނަމަވެސް، މިހާތަނަށް ވެސް ފިލްމުގެ ނަން އިއުލާނުކޮށްފައެއް ނުވެއެވެ.
މި ޕްރޮޖެކްޓްގެ ޝޫޓިން މި މަހުގެ ކުރީކޮޅު ނިމިފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނާއިރު ދާދިފަހުން ރިލީޒްކުރި ޕޯސްޓަރުތަކުގައި ތިން ތަރިން ވެސް ފެންނަނީ ވަކިވަކިން އެ ތަރިންގެ ކެރެކްޓާއިންނެވެ. ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ޕްރޮޖެކްޓަކީ ޑައިރެކްޓަރު އެޓުލީ "އެޖެންޓް ޗިންގް އެޓެކްސް"ގެ ނަމުގައި ގެނެސްދޭ ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ.
އެ ނަމުގައި އެޓުލީ ވަނީ ތިން ތަރިން ހިމަނައިގެން ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ދައްކުވައިދޭ އިޝްތިހާރެއް ވެސް އުފައްދާފައެވެ. ނަމަވެސް، މިއީ ފިލްމާ ގުޅުންހުރި އިޝްތިހާރެއް ކަމެއް ނުވަތަ ފިލްމުގައި ފެންނަ ކެރެކްޓާތައް ހިމަނައިގެން އުފެއްދި އިޝްތިހާރެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

އެޓްލީ ޑައިރެކްޓްކުރި އިޝްތިހާރު ރިލީޒްކުރުމުގެ ހަފްލާގައި ރަންވީރު، ބޮބީ އަދި ސްރީލީލާ--ފޮޓޯ/ބޮލީވުޑްހަންގާމާ
ދާދި ފަހުން ނެޓްފްލިކްސްގައި ޕްރީމިއާކުރި "ދަ ބޭޑްސް އޮފް ބޮލީވުޑް"އިން ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ ބޮބީއަކީ މި ވަގުތު ފިލްމު އިންޑަސްޓްރީގައި ހުރި އެންމެ ޑިމާންޑު ބޮޑު ތަރިންގެ ތެރޭ ހިމެނޭ އެކްޓަރެކެވެ. ފިލްމީ ކެރިއަރުގެ މެދުތެރޭގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު މި ފަހުން ބޮބީ ކުޅޭ ރޯލްތަކަށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް އަންނަނީ ލިބެމުންނެވެ.
ބަތަލާ ސްރީލީލާ ބޮލީވުޑްގެ ފިލްމަކަށް ތައްޔާރުވަމުން އަންނައިރު އެކްޓަރު ރަންވީރު ސިންގް އެންމެ އަވަހަށް ފެންނާނީ މި އަހަރުގެ ޑިސެންބަރު މަހު ރިލީޒްކުރާ ފިލްމު "ދުރަންދާރު"އިންނެވެ.