21 Oct 2025, 09:02
ބޮލީވުޑް ބަތަލާ އާލިއާ ބަޓް މުހިއްމު ރޯލް ކުޅުނު ފިލްމު "ޑާލިންގްސް"ގެ ޑައިރެކްޓަރު ޖަސްމީތު ކޭ ރީންގެ ދެވަނަ ފިލްމުގެ ލީޑް ބަތަލާގެ ރޯލް ފިލްމީ ތަރި ޖާންވީ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މުރާދު ހެތާނީ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ މި ފިލްމަކީ ކައިވެނީގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދަން ނިންމާފައިވާ ފިލްމެކެވެ.
މުރާދު ހެތާނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ ގެނެސްދީފައިވާ ކާމިޔާބު ފިލްމުތަކުގެތެރޭ ރަންބީރު ކަޕޫރުގެ ފިލްމު "އެނިމަލް"، ކާތިކް އާރިއަންގެ ފިލްމު "ބޫލް ބުލައްޔާ 2" އަދި ޝާހިދު ކަޕޫރުގެ ފިލްމު "ކަބީރު ސިންގް" ހިމެނެއެވެ.
ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމަށް މުރާދުގެ ޓީމުން ތައްޔާރުވަމުން އަންނައިރު ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާނުކުރަން ވަނީ ހަމަޖެހިފައެވެ.

ބަތަލާ އާލިއާ އަދި ފިލްމީ ތަރި ވިޖޭ "ޑާލިންގްސް"ގެ ޑައިރެކްޓަރާ އެކު--ފޮޓޯ/ކޮއިމޮއި
ބަތަލާ އާލިއާ އަދި ޝެފާލީ ޝާހްގެ އިތުރުން އެކްޓަރު ވިޖޭ ވަރުމާ މުހިއްމު ރޯލް ކުޅުނު ފިލްމު "ޑާލިންގްސް" އަކީ އާލިއާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް އާއި ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓް ގުޅިގެން ނެޓްފްލިކްސްއަށް އުފައްދައިދިން ވަރަށް ކާމިޔާބު ފިލްމެކެވެ.
އެއީ އާލިއާގެ ކުންފުނިން ގެނެސްދިން ފުރަތަމަ ފިލްމެވެ. ގެވެށި އަނިޔާއަށް ބިނާކޮށް އުފެއްދި އެ ފިލްމަށް 2023ވަނަ އަހަރުގެ އެންމެ މޮޅު ވާހަކަ ގެނެސްދިން ފިލްމުގެ އެވޯޑު ވެސް ވަނީ ލިބިފައެވެ.
މި މަހުގެ ފުރަތަމަ ހަފްތާތެރޭގައި ރިލީޒްކުރި ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ބަތަލާ ޖާންވީ ކަޕޫރުގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ތެލުގޫ ފިލްމު "ޕެއްޑީ" ހިމެނެއެވެ.