ބޮލީވުޑްގެ މަގުބޫލު ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ ކުރިއަށް އޮތް ފިލްމަކީ މުމްބާއީގެ އަންޑަވޯލްޑަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު އަދި ހަލަބޮލި ސިޓީ މުމްބާއީގައި ރަސްކަން ކުރަމުން އައި އަންޑަވޯލްޑާއި ގޭންގްސްޓާރުންގެ ކުށުގެ ހާއްޔަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ނަމަކީ "ޑޮންގްރީ: ގޭންގްސްޓާ ޕެރެޑައިސް"އެވެ.

https://www.instagram.com/remodsouza/?hl=en

މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްދީފައި ވަނީ ފިލްމު "ސަތްޔަމޭވް ޖަޔަތޭ"ގެ ޑައިރެކްޓަރު މިލަޕް މިލާން ޒަވޭރީއެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުތެރޭ ޝޫޓިންގް ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމުގެ ޕްރޮޑިއުސަރަކީ ސަންދީޕް ސިންގްއެވެ. މި ފިލްމުގެ ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް ކަމަށް އިއުލާނުކޮށްފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހެވެ.

ކުޅަދާނަ ނެށުންތެރިޔާ ރެމޯ ފިލްމު ޑައިރެކްޝަނަށް ނުކުތީ 2007 ވަނަ އަހަރު ގެނެސްދިން ބެންގާލީ ފިލްމަކުންނެވެ. ރެމޯ އެންމެ ފުރަތަމަ ގެނެސްދިން ބޮލީވުޑް ފިލްމަކީ 2011 ވަނަ އަހަރުގެ ފިލްމު "ފާލްތޫ"އެވެ.

ރެމޯގެ ކުރިއަށް އޮތް ފިލްމުގެ ޕްރޮމޯ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު ރެމޯގެ ފިލްމުތަކުގެތެރޭ "އޭބީސީޑީ"ގެ ދެ ފިލްމާއި ޓައިގާ ޝްރޮފް ލީޑް ރޯލް ކުޅުނު ފިލްމު "އަ ފްލައިން ޖަޓް"، "ރޭސް 3" އަދި "ސްޓްރީޓް ޑާންސަ" ހިމެނެއެވެ.

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2016 ވަނަ އަހަރުގެ ފިލްމު "ބަޖިރާއޯ މަސްތާނީ"ގެ ލަވަ 'ދިވާނީ މަސްތާނީ'އަށް ނެށުން ތައްޔާރުކޮށްދީގެން އިންޑިއާގެ ނެޝަނަލް އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ ރެމޯ އަކީ ބޮލީވުޑްގެ އެންމެ ކުޅަދާނަ ކޮރިއަގްރާފަރުންގެތެރޭ ހިމެނޭ ފަންނާނެކެވެ.

އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ މި އަހަރުގެ މާޗް މަހު އެމެޒޯން ޕްރައިމްގައި ރިލީޒްކުރި ފިލްމު "ބީ ހެޕީ"އެވެ.