ދިގު މުއްދަތެއް ވަންދެން އިންޑިއާގެ ހިންދީ ސިނަމާގައި އެކްޓަރެއް އަދި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އެކްޓަރު ގޮވަރުދަން އަސްރާނީ މަރުވެއްޖެއެވެ.

ފިލްމު "ޝޯލޭ"ގައި ކުޅުނު ޖަލު ބަލަހައްޓާ އޮފިސަރުގެ ކެރެކްޓާއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެކްޓަރު އިއްޔެ ހަވީރުގެ ވަގުތެއްގައި މުމްބާއީގެ ޖުހޫގައި ހުންނަ އަރޯގްޔާ ނިދީ ހޮސްޕިޓަލުގައެވެ.

އުމުރުން 84 އަހަރުގެ އަސްރާނީ މަރުވެފައި ވަނީ އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވަމުންދިޔަ އެކި ކަހަލަ ސިއްހީ މައްސަލަތަކުގެ އިތުރުން މުސްކުޅި ބަލީގައި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އަސްރާނީ މަރުވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ އެކްޓަރުގެ އާއިލާއަށް ތައުޒިއްޔާގެ މެސެޖުތައް ފޮނުވާފައެވެ. އޭގެތެރޭގައި އަސްރާނީއާ އެކު މަސައްކަތްކުރި ވަރަށް ގިނަ ފިލްމީ ތަރިން ހިމެނޭއިރު އެ ހުރިހާ ތަރިން ވެސް ވަނީ އަސްރާނީގެ ސަކަ މިޒާޖުގެ ވާހަކަ ހިއްސާކޮށް އެއީ ވަރަށް ތަޖުރިބާހުރި މޮޅު އެކްޓަރެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކުރީގެ އެކްޓަރު އަސްރާނީ ފިލްމު "ޝޯލޭ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އަސްރާނީގެ ޖަނާޒާގެ ކަންކަން ކުރިއަށް ދިޔައީ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިންގެ ހާޒިރުގައި ކަމަށް އެކްޓަރުގެ މެނޭޖަރު ބާބޫބާއީ ތީބާ ވަނީ މީޑިއާގައި ބުނެފައެވެ.

ވަރަށް ގިނަ ހިންދީ ފިލްމުތަކުގެ ހެއްވާ މަޖާ ރޯލްތައް ކުޅެފައިވާ އެކްޓަރުގެ ވަކިވުމަކީ އެ ޖޯންރާގެ ފިލްމުތަކަށާއި އެފަދަ ކެރެކްޓާތަކަށް ލިބުނު ވަރަށް ބޮޑު އުނިކަމަކާއި ފަޅުކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުން ފެށިގެން 1980އިގެ އަހަރުތަކާ ހަމައަށް އަސްރާނީ މަސައްކަތްކުރި ކޮންމެ ފިލްމަކީ ވެސް އެކްޓަރުގެ ކެރެކްޓާގެ ސަބަބުން ބެލުންތެރިން އެ ފިލްމުތައް ބެލުމަށް ޝައުގުވެރިކަން އިތުރުކޮށްދިން ފިލްމުތަކެކެވެ.

މިހާތަނަށް 350އަށް ވުރެ ގިނަ ހިންދީ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އަސްރާނީ އެންމެފަހުން ފެނިފައި ވަނީ ދާދިފަހުން ޖިއޯ ހޮޓްސްޓާގައި ރިލީޒްކުރި ބަތަލާ ކާޖޮލްގެ ވެބް ސީރީސް "ދަ ޓްރަޔަލް"ގެ ދެވަނަ ސީޒަންއިނެވެ.