17 Aug 2012, 17:12
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު، ގާނޫނު އަސާސީއާ ފުށުއެރުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ލާމަރުކަޒީ ގާނޫނުގެ ސަބަބުން ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިފައިވާ ކަމަށް ބުނެ އެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލުކުރުމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓާ މުހަންމަދު ނައީމް (މޮނާޒާ ނައީމް) މިދިޔަ އަހަރު ތެރޭގައި އެ ކޯޓަށް ވެއްދި މައްސަލައިގައި އިއްޔެ އެ ކޯޓުން ކުރި ހުކުމުގައި ބުނަނީ ލާމަރުކަޒީ ގާނޫނުގެ ތިން ވަނަ މާއްދާގެ ރ. އާއި ބ. އަދި 61 ވަނަ މައްދާ އާއި 62 ވަނަ މާއްދާގެ ހ. އަދި 63 ވަނަ މާއްދާގެ 127 ވަނަ މާއްދާ އާއި 129 ވަނަ މާއްދާ އާއި އަދި 130 ވަނަ މާއްދާ އަކީ ގާނޫނު އަސާސީގެ ދެ ވަނަ މާއްދާ އާއި ހަ ވަނަ މާއްދާއާ އަދި ގާނޫނު އަސާސީގެ އަށް ވަނަ ބާބުގައި ކަށަވަރުކޮށްދީފައިވާ ލާމަރުކަޒީ އުސޫލަކާ ހިލާފުވާ މާއްދާތަކެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަޑިޔާރުން އިއްތިފާގުވެފައިވާ އެ ހުކުމުގައި އަދި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ތިން ވަނަ މާއްދާގެ ބ. އަކީ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ށ) އަދި 232 ވަނަ މާއްދާގެ (ހ) އާ ހިލާފު މާއްދާއެއް ނޫން ކަމަށެވެ. އަދި ބުނަނީ ލާމަރުކަޒީ ގާނޫނުގެ 129 ވަނަ މާއްދާ އާއި 130 ވަނަ މާއްދާއަކީ ގާނޫނު އަސާސީގެ 179 ވަނަ މާއްދާއާ ހިލާފު މާއްދާތަކެއް ނޫން ކަމަށެވެ.
ހުކުމުގައި ކަނޑައަޅާފައިވާ ގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ މިހާރު އެކުލަވާލާފައިވާ ގޮތަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ލާމަރުކަޒީ ސިފަތައް ގެއްލޭ ގޮތަށް އުފެދިފައިވާ ކައުންސިލެއް ނޫން ކަމަށާއި ލޯކަލް ކައުންސިލްތައް ޖަވާބު ދާރީ ކުރުވުމުގެ މަސައްކަތް ކުރެވޭގޮތަށް އެ މަގުސަދު ހާސިލްވާ ގޮތަށް އުފެދިފައިވާ ކައުންސިލެއް ކަމަށެވެ. އަދި ސިވިލްސާވިސްގެ ކަންކަން ބެލުމަށް ލޯކަލް ކައުންސިލްތަކަށް ސިވިލް ސާވިސްގެ ޒިންމާދާރު ވެރިޔަކު އައްޔަން ކުރާނީ ސިވިލްސާވިސް ކޮމިޝަނުން ކަމަށް ބުނެފައި އޮތުމަކީ ވެސް ސިވިލްސާވިސް ގާނޫނާ ވެސް އަދި ގާނޫނު އަސާސީ އާ ވެސް ފުށުއަރާ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
ލާމަރުކަޒީ ގާނޫނު ގާނޫނު އަސާސީއާ ތައާރުޒު ނުވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން މައްސަލަ އެއްގައި ހުކުމް ކޮށްފައި މިވަނީ ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވުމަށް ފަހު ބައެއް ކައުންސިލްތަކުން ސަރުކާރުގެ ބައެއް ނިންމުންތަކާ ދެކޮޅަށް މަސައްކަތް ކުރަމުން ދާން ފެށުމުން ލާމަރުކަޒީ އުސޫލާ މެދު އެކި ގޮތްގޮތަށް ހިޔާލުބަދަލުކުރެވެމުންދާ ދުވަސްވަރެއްގަ އެވެ.