21 Oct 2025, 00:10
ލ. ކުނަހަންދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީއެވެ.
މި މަޝްރޫއަކީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުގެތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގައި ކޮންކްރިޓް މަސައްކަތާއި ދަގަނޑުގެ މަސައްކަތާއި ކަރަންޓުގެ މަސައްކަތާއި ޓާފްއެޅުމާއި އިކުއިޕްމެންޓް ހަރުކުރުން ހިމެނެއެވެ.
އާބާދީގައި 963 މީހުން ހިމެނޭ ކުނަހަންދޫގައި ވޮލީ ކޯޓެއް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފައިވާއިރު، މި ސަރުކާރުން މިހާތަނަށް ގިނަ ރަށްތަކެއްގައި ވޮލީ ކޯޓު އެޅުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.