21 Oct 2025, 09:43
އައްޑޫ ސިޓީ ކައުންސިލް އޮންނަ ގޮތާމެދު ޚިޔާލު ހޯދަން ނަގާ ވޯޓުގައި ވަކި ކައުންސިލްތައް އުފައްދަން ތާއިދުކޮށް އެކަން ކުރެވިއްޖެނަމަ، ކައުންސިލްތަކަށް ހުރިހާ ހައިސިއްޔަތަކާއި ވަކި ބަޖެޓެއް ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރޭ ލ. ފޮނަދުއަށް ވަޑައިގެން ރައީސް ވަނީ އަންނަ ހޮނިހިރު ދުވަހު ނަގާ އައްޑޫ ވޯޓާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. ރައީސް ވިދާޅުވީ، އައްޑޫގައި ނަގާ ވޯޓަކީ ސަރުކާރުން އެއްވެސް ނަތީޖާއެއް ނެރެން ބޭނުންވެގެން ނަގާ ވޯޓެއް ނޫން ކަަމަށެވެ.
އެ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދޫ ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓު ނެގީމާ ނިމުނީ ކަމަށާއި ރައީސް ފުއްދަވަނީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެން ވައުދުފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ހުޅުދުއާއި މީދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔުން: ރައީސް ވިދާޅުވީ، އައްޑޫގައި ވަކި ކައުންސިލުތަކެއް އުފެދިއްޖެއްޔާ ހުރިހާ ހައިސިއްޔަތެއް ލިބި، ވަކި ބަޖެޓެއް ލިބޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
ރައްޔިތުން ބޭނުންވާ ބަދަލެއް ގެނެވެނީ ރައްޔިތުން ކައިރީ އަހައިގެން ގާނޫނީ ނިޒާމުގެ ތެރެއިންކަން ފާހަގަކުރައްވައި ރައީސް ވަނީ، އައްޑޫ ރައްޔިތުން ވެސް އެެދެނީ ބޭނުންވާ ގޮތެއް ނިންމަން ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، ވޯޓުގައި ނިންމާ ކޮންމެ ގޮތަކަށް ސަރުކާރުން ތާއިދުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"އެހެންވީމާ އެ ރައްޔިތުން އެ ނިންމަވާ ކޮންމެ ގޮތެއް އެއީ ސަރުކާރުގެ ނިންމުން. ސަރުކާރުން ތާއިދުކުރާނެ ގޮތް. ސަރުކާރުން ވަކި ބޭނުންވާ އެއްވެސް ނިންމުމެއް އެއަކު ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ވާހަކަތައް ދެއްކެވީ ބަޔަކު އައްޑޫ ވޯޓުގެ ހަގީގަތް އޮޅުވާލުމަށް ކަންކަން ކުރާ ކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.
[އައްޑޫގައި] ވަކި ކައުންސިލްތަކެއް އުފެދިޖެއްޔާ އެ ކައުންސިލްތަކަށް ކައުންސިލެއްގެ ހުރިހާ ހައިސިއްޔަތެއް ލިބޭނެ. ވަކި ބަޖެޓެއް އަންނާނެ. މިހާރު އޮންނަނީ މުޅި ސިޓީއަށް އެއް ބަޖެޓު،ރައީސް ޑރ. މުޙައްމަދު މުއިއްޒު
ތިން ރަށުގެ ރައްޔިތުން ވަކި ކައުންސިލްތައް ހަދަން ތާއިދުކުރާ ހާލަތުގައި، ވަކި ކައުންސިލްތަކަށް ލިބޭނެ ބްލޮކް ގްރާންޓުގެ ހިސާބުތަކެއް ވެސް އެ މަނިކުފާނު ދެއްވިއެވެ. މިގޮތުން، މިހާރު ބްލޮކް ގްރާންޓު ދިނުމަށް ބަލާ އުސޫލުން ބަލާއިރު، ފޭދޫގައި ކައުންސިލެއް އުފެދިއްޖެނަމަ އަހަރަކު 25 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށާއި ހުޅުދޫ ކައުންސިލަށް ގާތްގަނޑަކަށް 13 ނުވަތަ 14 ވަރަކަށް މިލިއަން ރުފިޔާގެ ބްލޮކް ގްރާންޓެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ، މީދޫގައި ކައުންސިލެއް އުފެދިއްޖެ ނަމަ، ގާތްގަނޑަކަށް 18 ވަރަކަށް މިލިއަން ރުފިޔާގެ ބްލޮކް ގްރާންޓެއް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، ރަށުގެ އާބާދީގެ ނިސްބަތާއި އެ ނޫން ކަންކަމަށް ބަލާފައި ކުރާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އައްޑޫގެ ރަށްތަކުގައި ވަކިން ކައުންސިލެއް އުފައްދަން ފެނޭތޯ ހޮނިހިރު ދުވަހު ވޯޓެއް ނަގާއިރު، އެ ވޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ބަހުސްކުރަމުންނެވެ. ބައިބައިވެގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް ބުނެ އެއް ބަޔަކު ސިޓީ ކައުންސިލްގެ ދަށުގައި އޮންނަން ތާއީދުކުރާއިރު، އަނެއް ބަޔަކު ބޭނުންވަނީ ވަކި ކައުންސިލްތައް އުފައްދައިގެން ނަފާ ހޯދާށެވެ.
އެކަމަކު، އިދިކޮޅު އެމްޑީޕީއާއި ބަައެއް ޖަމިއްޔާތަކުން ވަނީ އަވަސް އަރުވާލައިގެން ވޯޓު ނަގަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.