ގައުމީ މުއާސަލާތީ ކުންފުނި ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރި ފަހުން އެ ކުންފުނިން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާންމުކޮށް ނެރެފި އެވެ.

ދިރާގުގެ ވެބް ސައިޓުގައި އާންމުކޮށްފައިވާ ނޯޓިސްގައިވާ ގޮތުން އެ ކުންފުނީގެ ފުރަތަމަ އަހަރީ ޖަލްސާ އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެރޭ 9:00ގައި ޔުނިވާސިޓީގެ މައި އޮޑިޓޯރިއަމްގަ އެވެ.
ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް ހިއްސާ ވިއްކަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ޕަބްލިކް އެހެން ކުންފުނިތަކެކޭ ވެސް އެއްގޮތަށް ދިރާގުގެ އަހަރީ ޖަލްސާގެ ޔައުމިއްޔާގައިވާ ގޮތުން އާންމު ހިއްސާދާރުންނަށް ބަހާނެ ޑިވިޑެންޓް ފާސްކުރުމާއި ޔައުމިއްޔާ އާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް މެންބަރުން ހޮވުން ޖަލްސާގައި އޮންނާނެ އެވެ. އަދި 2013 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑް ކަނޑައެޅުމުގެ ބާރު ބޯޑަށް ދިނުމަށް ފާސްކުރުން ވެސް އެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ދިރާގުން ބުނީ އަންނަ ބުދަ ދުވަހުގެ ކުރިން ދިރާގުގެ ހިއްސާދާރެއްގެ ގޮތުގައި ލިސްޓް ކުރެވިފައިވާ ކޮންމެ ފަރާތަކަށް ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށެވެ. ޕްރޮކްސީގެ ވޯޓުގެ ފުރުސަތު ވެސް ދިރާގުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ދިރާގުގެ މިދިޔަ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި ޖެހިފައި ވަނީ 633.9 މިލިއަން ރުފިޔާ އެވެ. އެއީ އެވްރެޖްކޮށް 80ރ. އަށް ވިއްކާ އެ ކުންފުނީގެ ހިއްސާއަށް 8.35ރ. ޖެހޭވަރުގެ އަދަދެކެވެ. ދިރާގަކީ އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސްގެ 52 ޕަސެންޓް ހިއްސާ އޮންނަ އަދި ސަރުކާރުގެ 41 ޕަސެންޓް ހިއްސާ އޮންނަނ ކުންފުންޏެކެވެ. އަދި އާންމު ރައްޔިތުންގެ 5.90 ޕަސެންޓް ހިއްސާ ދިރާގުގައި އޮވެ އެވެ.

ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ޕަބްލިކް ކުންފުނިތަކުން ކޮންމެ މާލީ އަހަރެއް ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހެ އެވެ. ނަމަވެސް ޕަބްލިކް ގިނަ ކުންފުނިތަކުން މާލީ ހިސާބުތައް ވެސް އެ މުއްދަތުގައި އާންމު ކުރަމުން ނުދާއިރު އަހަރީ އާންމު ޖަލްސާ ވެސް ބާއްވަނީ އެ ތާރީހަށް ވުރެ ފަހުންނެވެ.