20 Oct 2025, 22:33
ނޮވެންބަރު ތިނެއް، 1988ގެ އުދުވާނީ ހަމަލާގައި ދުޝްމަނުން ރަހީނުކޮށް ޒަޚަމުކޮށްލި އިސްމާއިލް ރަޝީދު ނިޔާވެއްޖެއެވެ.
އުމުރުން 55 އަހަރުގައި އިސްމާއީލް ނިޔާވީ އިއްޔެއެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރަން ހަމަޖެހިފައިވަނީ މާދަމާ މެންދުރު ނަމާދަށް ފަހު ބެންގަލޫރުގެ ކުއްދޫސް ސަބް ގަބުރުސްތާނުގައެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ދިނީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ، ޕެރިސްހޮލިޑޭ، އަހްމަދު ނާސިރު (ސަގަރު ނާސިރު) ގެނައި ސްރީ ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުގެ ކުލީ ސިފައިންނެވެ.
އެ ހަމަލާ ނާކާމިޔާބުވުމުން، ޓެރަރިސްޓުން މަސައްކަތް ކުރީ ދިވެހީންތަކެއް ރަހީނުކޮށްގެން، ޕްރޮގްރެސް ލައިޓްގެ ނަން ދީފައިވާ ބޯޓެއްގައި ފިލައިގެން ދިޔުމަށެވެ. އޭގެ ތެރޭގައި، އޭރު އުމުރުން 17 އަހަރުގެ އިސްމާއީލް ވެސް ހިމެނުނީއެވެ.
ތާރީޚު ދިރާސާކުރައްވާ އަބްދުﷲ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިސްމާއިލް ރަޝީދު ނިޔާވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައެވެ.
އިސްމާއިލަށް ދިމާވި ހާދިސާ ކިޔައިދެއްވަމުން އަބްދުﷲ ސައީދު ވިދާޅުވީ، އެ ހަމަލާ ކުރިމަތިވިއިރު އިސްމާއީލް މަސައްކަތް ކުރަމުން ދިޔައީ ފިހާޅޮހި ރިސޯޓުގައި ކަމަށެވެ.
އެ ހަމަލާ ދިން ދުވަހު އިސްމާއީލާއި އެ ރިސޯޓުގެ އެހެން މުވައްޒަފުންތަކެއް ދޯނީގައި މާލެ ފަޅަށް ވަނުމުން، ހަނގުރާމަވެރިންނާ ދިމާވި ކަމަށް ސައީދު ލިޔުއްވާފައެވެ. އެ ވަގުތު ފުރާނަ ސަލަމާތް ކުރުމަށް އިސްމާއީލާއި އިތުރު މީހަކު މޫދަށް ފުންމާލައިގެން ގޮސް، އެހެން ބޯޓަކަށް އެރި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ބޯޓުގައި ތިބުމަކީ ވެސް އެންމެ ރައްކާތެރިކަމެއް ކަމަށް ނުފެންނާތީ ސަލާމަތްވާނެ ގޮތެއް ފެނޭތޯ ބަލަން ފެށިއެވެ. އެވަގުތު ވިލިގިލި ރިސޯޓަށް ދިއުމަށް ފަޅުން ނިކުންނަން ދިޔަ ދޯންޏެއް ފެނިގެން އެ ދޯންޏަށް ތިން މީހުން ގޮސް އެރިއެވެ." އަބްދުﷲ ސައީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ދުޝްމަނުން އެ ދޯންޏަށް ބަޑިޖަހައި ހުއްޓުވައި، އެ ދޯނިން މީހުން ބާލައިގެން ގެންގޮސް ޕްރޮގްރެސް ލައިޓަށް އެރުވި ކަމަށް އޭނާ ލިޔުއްވާފައިވެވެ.
"އޭރު އެހެން ރަހީނުންނެކޭ އެއްގޮތަށް އިސްމާއީލް ރަޝީދު ވެސް ހިތަށް އައި ހެޔޮއެއްޗެއް ވިއްޔާ ދިޔައީ ކިޔަމުންނެވެ. އެންމެން ވެސް ގަބޫލުކޮށްގެން ތިބީ ދެންމެދެންމެ ބަޑިޖަހައި މަރާލަފާނެކަމަށެވެ." އަބްދުﷲ ސައީދު ލިޔުއްވާފައިވެއެވެ.
ދުޝްމަނުން ކަނޑުމަގުން ދާން މަސައްކަތް ކުރި ނަމަވެސް އިންޑިއާ މަނަވަރުތައް ދިޔައީ އެ މީހުންގެ ބޯޓާ ކައިރިކުރަމުންނެވެ. އަދި ދުޝްމަނުން ދިޔައީ ފަހަރަކު ރަަހީނަކު ޝަހީދުކޮށްލާނެ ކަމުގެ އިންޒާރު ދެމުން ކަމަށް އަބްދުﷲ ސައީދު ވިދާޅުވިއެވެ.
އެގޮތުން ރަހީނުންގެ ކުރިމަތީގައި ޝަހީދު މެރިހާނާ އަބްދުއްސައްތާރުގެ ކަނު ބަދެފައި ބޮލަށް ބަޑިޖަހައި ޝަހީދުކޮށް ކަނޑަށް އެއްލާލި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން އިންޒާރުދެމުން ހަމަލާތައް ވަރުގަދަ ކުރި ކަމަށާއި އޭގެ ތެރެއިން ހަމަލާއެއްގައި އިސްމާއީލް ރަޝީދުގެ ވާތުކޮނޑާދިމާއިން ބުރަކަށްޓަށް އެއްޗެއް ވަދެ ފަަޅައިގެން ދިޔަ ކަމަށް އަބްދުﷲ ސައީދު ލިޔުއްވާފައިވެއެވެ. އަދި ބޮލުގެ ވާތްފަރާތުގެ އަރިމަތިން ބޮޑުތަނެއް ފަޅައިގެން ގޮސް، ބުރަކަށީގެ ވާތްފަރާތުން ތަނެއް ކަފައިގެންގޮސް، ވާތުފައިތިލަ ވެސް ޒަޚަމުވި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް، އިސްމާއީލްގެ ގައިގެ އެތަންމިތަނަށް ދަގަނޑު އެތިއެތިކޮޅުތައް ވަދެފައި ހުރި ކަމަށް އަބްދުﷲ ސައީދު ކިޔައިދެއްވިއެވެ.
ޕްލޮޓްގެ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެއެވެ. އަދި އިސްމާއީލްގެ އިތުރަށް ވެސް، އެތައް ބަޔަކަށް ބޮޑެތި ޒަޚަމުތަކެއްވިއެވެ.