17 Aug 2012, 15:06
ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ފުލުހުންނަށް ފިލަން، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ބިދޭސީ މީހާ އަތުން ފޯނު ފޭރިގަނެގެން ދިޔަ ސައިކަލު ދުއްވަން އިން 21 އަހަރުގެ މީހާގެ ސައިކަލުންޖެހި އެކްސިޑެންޓްވެފައި ވަނީ އެވަގުތު ޖަސްޓިސް ބިލްޑިން ކުރިމަތީ މަޑުކޮށްލައި އިން 43 އަހަރުގެ މީހެއްގެ ގައިގައި ކަމަށެވެ. އަދި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހި އެމީހާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި އެ މީހާގެ ހާލު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާ ދިނުމަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވި މީހާގެ ފަހަތުގައި 17 އަހަރުގެ ކުއްޖެއް ވެސް އިން ކަމަށާއި އެ ހާދިސާގައި އެ ދެމީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.
އަދި އެކްސިޑެންޓް ހިނގައިފައި ވަނީ މަޖީދީމަގު ނަޒާކީ ޓްރޭޑާސް ކައިރިން ހިނގާފައި ދިޔަ ބިދޭސީ އެއްގެ އަތުން ފޯނެއް ފޭރިގަނެގެން ދިޔަ ސައިކަލެއް މަޑުކުރުމަށް ފުލުހުން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ބިދޭސީ މީހާގެ އަތުން، ފޭރިގަނެފައިވާ ފޯނު އެމީހުންގެ އަތުން ހޯދައި ހަވާލުކޮށްފައިވާ ކަމަށާއި ފޯނު ފޭރިގަތް 21 އަހަރުގެ މީހާ އާއި 17 އަހަރުގެ ކުއްޖާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.