11:50


ވަޒީފާ ދިނުމާއި މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ ޕްރޮސެސް މަސްއޫލުވެރި އޮފީސްތަކާ މި އަހަރު ހަވާލު ކުރައްވާނެ ކަމަށް ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.


ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އިއްޔެ ވިދާޅުވީ ސިވިލްސާވިސް ކޮމިޝަންގެ އަބަދުވެސް އެންމެ ބޮޑު އަމާޒަކަށްވެފައި އޮތް ކަމަކީ ވަޒީފާ ދިނުމާއި ވަޒީފާ އިން ވަކިކުރުމުގެ މަރުހަލާ އެކަމަކާ ގުޅޭ މަސްއުލޫ މިނިސްޓްރީތަކާ ވީހާ ވެސް އަވަހަކަށް ހަވާލު ކުރުން ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން މި އަހަރު ނިމުމުގެ ކުރިން އެކަން ކުރެވޭނެ ކަމަށް،" ފަހުމީ ވިދާޅުވި އެވެ. ފަހުމީ ވިދާޅުވީ އެކަން ކާމިޔާބު ކުރެއްވުމަށް މިހާތަނަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި އެކަމުގައި މިހާރު މަގެއް ފެނިވަޑައިގެންފައިވާ ކަމަށެވެ.


"އަޅުގަނޑުމެނަށް މިހާރު ޔޫއެންޑީޕީގެ އެހީގައި އެކަމަށް ބޭނުންވާ ސޮފްޓްވެއާއެއް ތައްޔާރު ކުރުމަށް ފަންޑު ލިބިގެން އެ މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ވަޒީފާދީ ވަކިކުރުމުގެ އެ ބޮޑު ޕްރޮސެސް މަސްއޫލު މިނިސްޓްރީތަކާ ހަވާލު ކުރުން،" ފަހުމީ ވިދާޅުވި އެވެ.  


ނަމަވެސް އޭނާ ވިދާޅުވީ މިނިސްޓްރީތަކާއި އެހެން ވެސް އޮފީސްތަކުން އެކަން ކުރާ ގޮތަށް ހަވާލު ކުރައްވާނީ ބޭނުންވާ ހުރިހާ ހަމަތަކަކާއި އުސޫލުތަކަކާ ވެސް އެކުގައި ކަމަށެވެ.


"އަޅުގަނޑު އެ މަސައްކަތް ހަވާލު ކުރާނަން. ހަމައެއާ އެކު އެ ޕްރޮސެސް ރަނގަޅަށް ގެންދެވޭނެކަން ކަށަވަރުކުރެވޭ ފަދަ ސޮފްޓްވެއާއެއް ޑިވެލޮޕްކޮށްފައި އެކަން ކުރާނީ،" އޭނާ ވިދާޅުވި އެވެ.


ސިވިލްސާވިސް މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަކި ކުރުމުގެ މަސައްކަތް އެގޮތަށް ބައްޓަން ކުރުމުން ޕާމަނަންޓް ސެކްރެޓަރީން ވެގެންދާނީ މިނިސްޓްރީތަކުގައި ތިއްބަވާ މުވައްޒަފުންނަށް ވަޒީފާ ދެއްވުމާއި ވަކި ކުރުމުގެ ބައިވެސް އަދާ ކުރައްވާ ފަރާތަށްތޯ ދެންނެވުމުން ފަހުމީ ވިދާޅުވީ ޕާމަނަންޓް ސެކްރެޓަރީން އެކަން ކުރިޔަށް ގެންގޮސްދެއްވާނެ ކަމަށާއި ނަމަވެސް އެޕްރޫވް ވެގެން އަންނާނީ ސީދާ ކޮމިޝަންތެރެއިން ކަމަށެވެ.


"ފައިނަލް އެޕޮއިންޓްމެންޓް ލެޓާ ޖެނެރޭޓްކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް މިހާރު މިއޮންނަނީ ކަރުދާހުގައި. އޭގެ ބަދަލުގައި އޮންލައިންކޮށް ސަބްމިޓް ކުރުމުން، އޮންލައިންކޮށް މިކޮޅުން ޗެކްކޮށްފައި ފައިނަލް ވެގެންދާނީ އެޕްރޫވަލެއް. އެހެންވީމާ ރިއަލް ޓައިމްގައި އެޕްރޫވް ވެގެންދާނީ؛" ފަހުމީ ވިދާޅުވި އެވެ.