20 Oct 2025, 15:32
ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އިތުރު 10 ދުވަހަށް ބަންދުކޮށްފިއެވެ
މި ކަމާ ގުޅިގެން މިހާރު ސަސްޕެންޑުކޮށްފައިވާ މުއާޒުގެ ބަންދާ ބެހޭ މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ކަސްޓަމްސްގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ މުއާޒަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހުގެ ބަންދު މުއްދަތެވެ.
އޭނާއެކު އިތުރު ތިން މީހަކު ހައްޔަރުކުރީ، މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ތެރެއިންނެވެ.
ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ދެން ހައްޔަރުކުރީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ.
އޭގެ ތެރެއިން އާރިފާއި ޒިވާރުގެ ބަންދަށް 15 ދުވަސް ޖެހިއިރު، ވަހީދުގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.
އެ ސިނގިރޭޓުތައް ހުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ކަމަށްވާއިރު، އެ ކުންފުނިން ވަނީ އެތެރޭގެ ތަހުުގީގެއް ފަށައި، ލިބުނު މައުލޫމާތާ ގުޅިގެން ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ވަނީ، އެ މައްސަލައިގައި އެ ޚިދުމަތުގެ މުވައްޒަފަކު ޝާމިލުވާކަން ހާމަވެއްޖެ ނަމަ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.