17 Aug 2012, 14:59
އިންޑިއާގެ ޗެންނާއީގައި މި އަހަރުގެ އޮކްޓޯބަރު މަހު ބާއްވާ "ވޯލްޑް ކްރާފްޓްސް ކައުންސިލް"ގައި ބައިވެރިވުމުގެ ފުރުސަތު އިކޮނަމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އިކޮނަމިކް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އަންނަ އޮކްޓޯބަރު މަހުގެ 7 އިން 10 އަށް ބާއްވާ އެ އެގްޒިބިޝަންގައި، "ސަބާ" ޕްރޮޖެކްޓްގެ މާލީ އެހީތެރިކަމާ އެކު ބައިވެރިވުމަށް ލިބިފައިވާ ތިން ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ސަބާ ޕްރޮޖެކްޓަކީ ގޭގައި ތިބެ މަސައްކަތްކުރާ މަސައްކަތްތެރިންނަށް އެމީހުން ކުރާ މަސައްކަތުގައި އެހީތެރިވެދިނުމާއި ވިޔަފާރީގެ ދާއިރާގައި އެމީހުންގެ ގާބިލިއްޔަތުކަން އިތުރުކޮށްދިނުމާއި އަދި ނަފާކުރަނިވި މަސައްކަތުން އާމްދަނީ އިތުރުކުރެވޭނެ ފުރުސަތު އެމީހުންނަށް ހޯދައިދިނުމަށް ސާކްގެ އެކިގައުމުތަކުގައި ހިންގާފައިވާ ޕްރޮޖެކްޓެކެވެ.
އެމިނިސްޓްރީގެ ބަޔާނުގައި އަދި ބުނީ އެ އެގްޒަބިޝަންގައި ބައިވެރިވާ ފަރާތްތަކުގެ އެކޮމަޑޭޝަން އާއި ޓިކެޓްގެ އިތުރުން ބައިވެރި ކުރާ ތަކެތި އުފުލުމުގެ ޚަރަދު އެ މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށެވެ.
އެގްޒިބިޝަންއާ ބެހޭ މައުލޫމާތާއި ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިކޮނަމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ ދުނިޔޭގެ އަކި ގައުމުތަކުގެ އަތްތެރި މަސައްކަތުގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ބާއްވާ އެގްޒިބިޝަންގައި ދިވެހި ސަގާފަތާއި އާދަކާދަ ރަމްޒުކޮށްދޭ ސަތޭކަ ޕަސެންޓް ދިވެހި އުފެއްދުން އުފައްދާ ފަރާތްތައް ކުރިމަތިލުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.