17 Aug 2012, 13:40
ސިޑްނީ (އޮގަސްޓް 17) : އެމެރިކާއިން 2003 ވަނަ އަހަރު ޢިރާޤާ ދެކޮޅަށް ކުރި ހަނގުރާމައިގާ އޮސްޓްރޭލިޔާ ބައިވެރިވި މައްސަލަ ބަލައި ތަޙްޤީޤް ކުރުމަށް އޮސްޓްރޭލިޔާގެ ސިޔާސީ ބައެއް ފަރާތްތަކާއި ކުރީގެ ދިފާޢީ ބައެއް މަސްއޫލުވެރިން ގޮވާލައްވައިފި އެވެ.
އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ މަލްކޮމް ފްރޭޒަރ އާއި ކުރީގެ ދިފާޢީ ވަޒީރު ޕޯލް ބާރާތް އާއި ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ޕީޓަރ ގްރޭޝަން އެޤައުމުގެ ސަރުކާރަށް ގޮވާލެއްވީ އެމެރިކާއިން ޢިރާޤާ ދެކޮޅަށް ކުރި ހަނގުރާމައިގާ އޮސްޓްރޭލިޔާ ބައިވެރިވި މައްސަލަ ބަލައި ތަޙްޤީޤް ކުރުމަށެވެ. މިކަމުގައި މިބޭފުޅުން ނަމުނާ އަކަށް ނަންގަވާފައިވަނީ ޢިރާޤާ ދެކޮޅަށް އެމެރިކާކުރި ޣައިރު ޤާނޫނީ ޢުދުވާނީ ހަނގުރާމައިގާ އިނގިރޭސިވިލާތް ބައިވެރި ކުރުމަށް އިނގިރޭސި އޭރުގެ ހަރުކަށި ބޮޑުވަޒީރު ޓޯނީ ބްލެއަރ ނިންމެވި ނިންމެވުން އެޤައުމުން ބަލައި ދާދިފަހުން ކުރި ތަޙްޤީޤަށެވެ.
އިނގިރޭސިވިލާތުން މިކަން ތަޙްޤީޤް ކުރިގޮތަށް އޮސްޓްރޭލިޔާގައިވެސް މިކަން ތަޙްޤީޤް ކުރުމުގެ ބޭނުމަކީ ހަނގުރާމައިގާ ބައިވެރިވުމުގައި އޮސްްޓްރޭލިޔާގެ އޭރުގެ ސަރުކާރަށް ހެދުނު ގޯސްތައް ދަނެގަނެ އަދި މިކަމުގެ ސަބަބުން އޮސްޓްރޭލިޔާއަށް ލިބުނު ގެއްލުންތަކާއި ލިބުނު ފިލާވަޅާއި ތަޖްރިބާތައް ދެނެގަތުން ކަމަށް ކުރީގެ ބޮޑުވަޒީރު މަލްކޮމް ފްރޭޒަރ ވިދާޅުވި އެވެ.
ބައިނަލްއަޤްވާމީ މުޖްތަމަޢަށާއި އދ. އަށް ގޮންޖެހުމަށްފަހު ދެހާސް ތިންވަނަ އަހަރު އެމެރިކާއިން ޢިރާޤާ ދެކޮޅަށް ހަނގުރާމަފެށީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތައް މުގުރުމަށްފަހު ޖަންގަލީގެ އުސޫލުންނެވެ. ޢިރާޤާ ދެކޮޅަށް ހަނގުރާމަ ފެށުމަށް މަގުފަހިކުރުމުގެ ގޮތުން އެމެރިކާ ބޭނުންކުރި އެންމެ ވަރުފަދަ ވަސީލަތަކީ ކަނޑައެޅިގެން ދޮގުހެދުމެވެ.
އިރާޤުގައި ފަނާކުރަނިވި ހަތޔާރު ހުރިކަމަށްބުނެ އެމެރިކާގެ ރައީސާއި ޖާސޫސީ މަސްއޫލުވެރިން ހެއްދެވި ބުހުތާން ދޮގުތަކެވެ. މިދޮގުތައް ބޭޒާރުވުމާ ގުޅިގެން އެމެރިކާގެ އިތުބާރު ދުނިޔޭގައިވަނީ ވަރަށް ބޮޑަށް ގެއްލިގެން ގޮސްފަ އެވެ. އދ. ގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން މިހަނގުރާމަ ސިފަކުރައްވާފައިވަނީ ޣައިރު ޤާނޫނީ ހަނގުރާމައެއްގެ ގޮތުގަ އެވެ.
މިހަނގުރާމައިގާ އެމެރިކާއިން ޢިރާޤުގެ އެތައް ލައްކަ ބަޔަކު މަރާފައިވާއިރު މުޅި އިރާޤުވަނީ ފުނޑުފުނޑުކޮށް ސުންނާފަތި ކޮށްލާފައެވެ. ކޮންމެވެސް ދުވަހަކުން މިކަމުގެ ބަދަލު ހޯދުމަށް ޢިރާޤުގެ ރައްޔިތުން އެމެރިކާގެ ކިބައިން އެދޭނެކަމަށް ތަޖްރިބާކާރުން ލަފާކުރައްވައެވެ. ޢިރާޤު ހަނގުރާމައިގާ އޮސްޓްރޭލިޔާއިން ދެހާސް ސިފައިން ބައިވެރިކޮށްފައިވެ އެވެ. (ދަ ގާޑިޔަން)