20 Oct 2025, 09:23
ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާތު ޗަތުރުވެދީ ހިމަނައިގެން ނެޓްފްލިކްސްއިން ގެނެސްދޭން ނިންމި ފިލްމުގެ މަސައްކަތް މިހާރު ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެކްޓަރު އަޖޭ ދޭވްގަން އާއި ނެޓްފްލިކްސް ގުޅިގެން "ރަމްރީ"ގެ ނަމުގައި ގެނެސްދޭން ނިންމި ކްރީޗާ ތުރިލާ ފިލްމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ އެ ފިލްމަށް ބަޖެޓް މައްސަލަތަކެއް ކުރިމަތިވުމުން ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން މި ފިލްމަކީ އިންޑިއާއަށް މިނިވަންކަން ލިބުމުގެ ދެ އަހަރު ކުރިން 1946 ވަނަ އަހަރުތެރޭ ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދަން ނިންމި ފިލްމެކެވެ.
ފިލްމަކީ އިންޑިއާގެ ތާރީޚާ ގުޅުންހުރި ވަރަށް މުހިއްމު ވާހަކަތަކެއް ހިމެނޭ ފިލްމަކަށްވެފައި ފިލްމަށް ކަނޑައެޅިފައިވާ ބަޖެޓުން އެ ފިލްމުގެ މަސައްކަތް ނުނިންމޭނެ ކަމުގެ ޔަގީންކަން ލިބުމުން ފިލްމުގެ މަސައްކަތް ހުއްޓާލީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިދާތު, ބަތަލާ ތުރިޕްތީ ދިމްރީއާ އެކު ފިލްމު "ދަޅަކް 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މިއީ ޑިޖިޓަލް ޕްލެޓްފޯމަކަށް އުފައްދާ ފިލްމަކަށްވީ ނަމަވެސް ފިލްމު ބިނާކޮށްފައިވާ ހާދިސާގެ ގޮތުން އާދައިގެ ބަޖެޓަކުން ފިލްމު އެންމެ ފުރިހަމަކޮށް ބެލުންތެރިންނަށް ގެނެސްނުދެވޭނެކަމަށް ފިލްމާ ގުޅުންހުރި މީހަކު މީޑިއާގައި ވަނީ ބުނެފައެވެ.
ހަމައެއާއެކު މި ފިލްމަކީ އަހަރެއްހާ ދުވަސްވަންދެން ޚިޔާލީ ފޮލާއެއްގެ ގޮތުގައި ގެންގުޅުނު ފިލްމެއް ކަމަށާއި ފިލްމު އުފެއްދުމުގެ މަސައްކަތް ރަސްމީ ސިފައެއްގައި ނުފެށި ލަސްވުމަކީ ވެސް މި ފިލްމުގެ މަސައްކަތް ހުއްޓާލުމަށް މެދުވެރިވި ސަބަބައެއް ކަމަށް އެމީހާ ވަނީ ބުނެފައެވެ.
ދާދިފަހުން ރިލީޒްވި ފިލްމު "ދަޅަކް 2"އިން ބެލުންތެރިންގެ ތައުރީފް ވަރަށް ބޮޑަށް ލިބުނު އެކްޓަރަށް "ރަމްރީ"އިން ފުރުސަތު ލިބުމާ ގުޅިގެން އަޖޭ ދޭވްގަން ފަދަ ފިލްމު އިންޑަސްޓްރީގެ ތަޖުރިބާކާރު އެކްޓަރަކާ އެކު މަސައްކަތް ކުރެވޭތީ ސިދާތު ވަނީ އެކަމާ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
އެހެންކަމުން ފިލްމު "ރަމްރީ"ގެ މަސައްކަތް ހުއްޓާލުމަކީ ސިދާތު ވަރަށް ބޮޑަށް މާޔޫސް ކުރުވާނެ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.