20 Oct 2025, 09:16
ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ސަނީ ޑިއޯލްގެ 68 ވަނަ އުފަންދުވަހާ ގުޅުވައިގެން ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއް އިއުލާނުކޮށްފިއެވެ.
ސަނީގެ އުފަންދުވަހު އިއުލާނުކޮށްފައި ވަނީ "ގަބްރޫ"ގެ ނަމުގައި އުފައްދާ ފިލްމެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް މި ފިލްމު އިއުލާނު ކުރަމުން ސަނީ ބުނީ ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ އަންނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
މި ފިލްމަކީ ޑައިރެކްޓަރު ޝަޝަންކް އުދަޕޫރުކާރް ލިޔެ ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ. ސަނީގެ އިތުރުން ފިލްމުގެ ކާސްޓުން ފެންނާނެ ތަރިންގެތެރޭ ސިމްރަން ބައްގާ އަދި ޕްރިތީ ކަމާނީ ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
https://www.instagram.com/iamsunnydeol/?utm_source=ig_embed&ig_rid=3a800d6c-9834-4485-a8f3-0d46336e73fa
ސަނީގެ އާ ފިލްމެއް އަންނަ އަހަރުގެ މާޗް މަހު ގެނެސްދޭނެކަން އިއުލާނުކޮށްފައިވާއިރު ފިލްމު ގެނެސްދޭ ތާރީޚާ ދިމާކޮށް ބޮލީވުޑްގެ ފިލްމު "ލަވް އެންޑް ވޯ" އަދި ފިލްމު "ކޭޖީއެފް"ގެ އެކްޓަރު ޔަޝްގެ އާ ފިލްމު "ޓޮކްސިކް" ވެސް ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ.
އެހެންކަމުން މި ފިލްމުތަކާ ވާދަކޮށް ސަނީއަށް ބޮކްސް އޮފީހުގައި ކުރި ހޯދޭނެތޯ އެއީ މިހާރު އުފެދޭ ސުވާލެކެވެ. ސަނީގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ލާހޯރު 1947"، "ބޯޑާ 2" އަދި "ރާމަޔަނާ: ޕާޓް 1"ގެ އިތުރުން "އިއްކާ"ގެ ނަމުގައި އުފައްދާ ފިލްމެއް ހިމެނެއެވެ.
ސަނީ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ދާދިފަހުން ރިލީޒްކުރާނެކަން އިއުލާނުކުރި ފިލްމު "ސޫރިއާ"އިންނެވެ. އެ ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި މަޅަޔާލަމް ކްރައިމް ތުރިލާ "ޖޯސެފް"ގެ ހިންދީ ރިމޭކްއެކެވެ.