17 Aug 2012, 13:22
ނިޔުޔޯކް (އޮގަސްޓް 17) : ސޫރިޔާގައި ސުލްޙަ ބަލަހައްޓާ އދ. ގެ އޮބްޒާވަރުން ގެ މަސައްކަތް ނިމުމަކަށް ގެނައުމަށް އދ. ން ނިންމައިފިއެވެ.
ސޫރިޔާގައި ޙަރަކާތްތެރިވާ އދ. ގެ އޮބްޒާވަރުންގެ މުއްދަތު އަންނަ އާދީއްތަ ދުވަހު ހަމަވާތީ މިކަމާބެހޭގޮތުން މަޝްވަރާކުރުމަށް ރޭ ސަލާމަތީ މަޖިލީހުން ބޭއްވި ބަންދު ޖަލްސާގައި އޮބްޒާވަރުންގެ މުއްދަތު އިތުރުކުރުމަށް ނިންމާފައެއް ނުވާމަށް އެމަޖިލީހުގެ މިދައުރުގެ ރައީސް ގިރާރު އާރޯ ވިދާޅުވިއެވެ. ނަމަވެސް ސޫރިޔާގެ ޙާލަތު އޮބްޒާވް ކުރުމަށްޓަކައި އދ. ގެ އޮފީހެއް ދިޝްޤުގައި ހިންގުމަށް މަޖިލީހުގެ ޖަލްސާއިން ނިންމިއެވެ.
މިނިންމުމާ އެއްގޮތަށް މިއަދުގެ ވަގުތެއްގައި އދ. ގެ އޮބްޒާވަރުން ސޫރިޔާއިން ފުރައިގެންދާނެ ކަމަށް އދ. ގެ ކަމާބެހޭޭ ދާއިރާތަކުން ހާމަކުރެއެވެ. ސޫރިޔާގައި ސުލްޙަ ބަލަހައްޓާ އދ. ގެ އޮބްޒާވަރުން ގެ މަސައްކަތުގެ މުއްދަތު އަލުން އިތުރުކުރެވޭގޮތްނުވީ ސޫރިޔާގެ މައްސަލާގައި ސަލާމަތީ މަޖިލިސް ބައިބައިވެފައިވާތީ ކަމަށް ޚަބަރު ލިބެއެވެ.
އޮބްޒާވަރުންގެ މަސައްކަތާބެހޭގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އޮބްޒާވަރުންގެ މުއްދަތު އިތުރުކުރުމަށް ދެޝަރުތެއް ފުރިހަމަކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. މިދެޝަރުތަކީ ސޫރިޔާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ބަރުހަތިޔާރު ބޭނުންނުކުރުމާއި ހަމަނުޖެހުންތައް މައިތިރިވުމެވެ.
މިދެޝަރުތު ފުރިހަމަވެފައިނުވާތީއާއި މުޅި ސޫރިޔާ ލޭއޮހޮރުވުންބޮޑު އަހްލީ ހަނގުރާމައަކަށް ވެއްޓެމުންދާކަން ފާހަގަކުރައްވަމުން މިފަދަ ޙާލަތެއްގައި އޮބްޒާވަރުންގެ މަސައްކަތް ކުރިޔަށް ގެންދިޔުން ދަތިވެފައިވާ ކަމަށް ބާންކީ މޫން ވިދާޅުވިއެވެ. ސަލާމަތީ މަޖިލީހުގެ ބަންދު ޖަލްސާގައި އެމަޖިލީހުގެ ރައީސް ގިރާރު އާރޯ ވެސް މިކަން ފާހަގަ ކުރެއްވިއެވެ.
އދ. ގެ އޮބްޒާވަރުން ގެ މަސައްކަތް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ނިންމުމުން ރަޝިޔާއި ޗައިނާ އާއި އެހެން ބައެއް ޤައުމުތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާ ވަނީ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރުމަށް ސޫރިޔާ ސަރުކާރަށް ގޮވާލާފައެވެ. (އަލްޖަޒީރާ)