17 Aug 2012, 13:11
ގިނަ އަދަދެއްގެ ކުޑަ ކުދިންނާ އަންހެނު ގޮވައިގެން މާލޭން ފ. ނިލަންދުއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ވ.އަތޮޅުގެ ފަރަކަށް އަރައިފި އެވެ.
ފުލުހުން ބުނީ ރޭ ފަތިހު ފަރަށް އެރި ނިލަންދޫ އެބޯޓުގައި 70 އަށް ވުރެ ގިނަ މީހުން ތިބި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި ވ. ފުލިދޫ ކައިރިއޮތް ފަރަށް އެރި އެބޯޓުގައި އެވަގުތު 10 ކުޑަކުއްޖަކާއި 18 އަންހެނުން ތިބި ކަމަށް ފުލުހުން ބުނެ އެވެ.
ނިލަންދޫ އެބޯޓު ފުންކުރެވިފައި ވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެ އެވެ.
މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ މާލެއިން 35 މީހުންނާއެކު ފުރައިގެން ހދ. ނޭކުރަންދުއަށް ދިޔަ ބޯޓެއް ވެސް ފަރަކަށް އަަރައިފަ އެވެ. އެ ބޯޓުގައި ވެސް އެވަގުތު ކުޑަކުދިންނާއި އަންހެނުން ތިބި ކަމަށް ވެއެވެ.