19 Oct 2025, 17:26
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ފައިސާ ނުދައްކައިގެން، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު، ހަސަން ޝިޔާންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމެއްކޮށްފިއެވެ.
ޝިޔާންގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކުރީ، އޭނާއަށް ދޫކޮށްފައިވާ ބީއެމްއެލްގެ ވިސާ ޕްލެޓިނަމް ކްރެޑިޓް ކާޑަށް، އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިގެންނެވެ. އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާއަށް ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، 10،000 ޑޮލަރަށްވުރެ ބޮޑު އަދަދެއް ނުދައްކައި އެބައޮތެވެ.
މި މައްސަލައިގެ ޝަރިއަތުގައި ޝިޔާންވަނީ އޭނާ ބޭންކަށް ދައްކަން ޖެހޭ ކްރެޑިޓް ކާޑުގެ ފައިސާ ނުދައްކާ ކަމަށް އިއުތިރާފުވެފައެވެ. އަދި އޭނާ އެދުނީ މަހަކު 5،000 ރުފިޔާގެ މަގުން ފައިސާ ދައްކައި ހަލާސް ކުރާށެވެ. އެކަމަކު އެ ހުށަހެޅުމަށް ބޭންކުން އެއްބަހެއް ނުވިއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ، އަބްދުއްނާސިރު ޝަފީގު ހުކުމް ކުރެއްވީ، ކްރެޑިޓް ކާޑަށް ނުދައްކައި އޮތް، 10،069 ޑޮލަރާއި ރިކަވަރީ ފީގެ ގޮތުގައި ދައްކަން ޖެހޭ 5000 ދިވެހި ރުފިޔާ، އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކާށެވެ.
ޝިޔާން 19 ވަނަ މަޖިލީހަށް އިންތިޚާބުވީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ދެމެދު އުފެދުނު ދެބަސްވުމުގައި އެމްޑީޕީ ދެބައިވިއިރު، ޝިޔާން އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ.
އެހެންނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝިޔާން އެނބުރި އެމްޑީޕީއަށް ބަދަލުވިއެވެ. އޭގެ ފަހުން ވެރިކަން ބަދަލުވުމާއެކު ޝިޔާންވަނީ ޕީއެންސީއަށް ބަދަލުވެވަޑައިގެންފައެވެ.