ޣައްޒާއާއި މިސްރާއި ދެމެދު އޮންނަ ރަފަހް ބޯޑަރު ވަކި އެއްޗެއް އަންގަންދެން އޮންނާނީ ބަންދުކޮށްފައި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވީ ރަފަހް ބޯޑަރު މާދަމާ ހުޅުވާނެ ކަމަށް މިސްރުގައި ހުންނަ ފަލަސްތީނުގެ އެމްބަސީން އިއުލާން ކުރިތާ މާގިނައިރުތަކެއް ނުވަނީހެވެ.

ބޯޑަރު ހުޅުވުން ބަރޯސާވެފައި އޮތީ ހަމާސްއިން އިސްރާއީލުގެ އިތުރު ރަހީނުންގެ ހަށިގަނޑުތައް ހަވާލުކުރުމުގެ މައްޗަށް ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ހަމާސްއިން ބުނީ ނަތަންޔާހޫގެ އެ ނިންމެވުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވުން ކަމަށާއި މެދުވެރިންނާއި ގެރެންޓީ ޕާޓީތަކަށް އޭނާ ވެވަޑައިގެންނެވި ވައުދުތައް ދޮގު ކުރެއްވުން ކަމަށެވެ.

އަދި ރަފަހް ބޯޑަރު ބަންދުކޮށްފައި އޮތުމުން އިމާރާތްތަކުގެ ދަށުން ރަހީނުކޮށްފައިވާ އިތުރު ހަށިގަނޑުތައް ހޯދުމަށް ބޭނުންވާ ސާމާނު ނުވެއްދޭނެ ކަމަށާއި އެކަމުގެ ސަބަބުން ހަށިގަނޑުތައް ހޯދުމާއި ހަވާލުކުރުން ލަސްވާނެ ކަމަށް ވެސް ހަމާސްއިން ބުނެފައިވެއެވެ.

އިސްރާއީލުން ބުނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އިތުރު ދެ ހަށިގަނޑެއް ލިބިފައިވާ ކަމަށާއި މާނައަކީ މިދިޔަ ހަފްތާގައި އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކުރުމުގެ އެއްބަސްވުމެއްގެ ދަށުން 28 ހަށިގަނޑުގެ ތެރެއިން 12 ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ރަފަހް ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު،ޖުލައި މަހު އަލުން ހުޅުވައި ބޯޑަރު ހުރަސްކޮށް އެހީ ފޯރުކޮށްދިނުން އިތުރުކުރިއެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމާއި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުން ދޫކޮށްލި ފަލަސްތީނުގެ ގައިދީއެއްގެ ހަށިގަނޑު. ފޮޓޯ/އޭއެފްޕީ

ހަނގުރާމަ ހުއްޓާލުމާ ހަމައަށް ގާތްގަނޑަކަށް 560 މެޓްރިކް ޓަނުގެ ކާބޯތަކެތި ޣައްޒާއަށް ވަދެފައިވީ ނަމަވެސް މިއީ އަދިވެސް އެ ސަރަހައްދަށް ބޭނުންވާ މިންވަރަށް ވުރެ މާ މަދު މިންވަރެއް ކަމަށް އދ. އިން ބުނެއެވެ.

މީގެއިތުރުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި ހަމާސް އިން އެއްބަސްވުމާ ހިލާފުވާނެ ކަން ގަބޫލުކުރެވޭ ރިޕޯޓްތަކެއް އެ ޑިޕާޓްމަންޓަށް ވަނީ ލިބިފައެވެ.

"ހަމާސް އިން މި ހަމަލާ ކުރިއަށް ގެންދަން ޖެހިއްޖެނަމަ، ޣައްޒާގެ ރައްޔިތުން ހިމާޔަތްކޮށް ހަނގުރާމަ ހުއްޓާލުމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅާނެ،" ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވެއެވެ.

ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގެ ތުހުމަތު ހަމާސްއިން ވަނީ ދޮގުކޮށްފައެވެ.

އަދި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ގަތުލުކުރުމާއި ރަހީނުކުރުމާއި ލޫޓުވާލުމަށް އެހީތެރިވާ "ޖިނާއީ ގޭންގުތައް" އުފައްދައި ހަތިޔާރާއި ފައިސާ ދެމުން ކަމަށް ހަމާސްއިން ތުހުމަތުކުރެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ހަމާސްއަށް ނާކާމިޔާބުވެއްޖެނަމަ، ޣައްޒާގައި އިސްރާއީލު ސިފައިންނަށް އަލުން ހަނގުރާމަ ފެށުމުގެ ހުއްދަ ދިނުމަށް ވިސްނާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފައެވެ.

ރަހީނުންގެ ހަށިގަނޑުތައް ހަވާލުކުރުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ މައްސަލައިގެ ސަބަބުން ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް އަދިވެސް ގޮންޖެހުންތައް އެބަހުއްޓެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްއިން ވަނީ ދެ އަހަރު ވަންދެން ރަހީނުކޮށްފައިތިބި، އިސްރާއީލުގެ 20 ރަހީނުން މިނިވަންކޮށްފައެވެ. ބަދަލުގައި އިސްރާއީލުން ޖަލަށްލާފައިވާ ފަލަސްތީނުގެ ގާތްގަނޑަކަށް 2000 ގައިދީންނާއި ވަނީ މިނިވަން ކޮށްފައެވެ.

ނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި ހަމާސްއިން ހަށިގަނޑުތައް ހަވާލުކުރުން މިހާރު ވެސް މާ ލަސްވެއްޖެއެވެ.